16 Jul 2016, 15:39
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް(އެފްއޭއެމް)ގެ މި އަހަރުގެ ބަޖަޓަކަށް 40.4 މިލިއަން ރުފިޔާ ހިމަނައިގެން ފާސްކޮށްފި އެވެ.
މި އަހަރަށް ލަފާކުރާ އެފްއޭއެމްގެ ބަޖެޓް ފާސްކޮށްފައިވަނީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި 17 މެމްބަރު ކުލަބުގެ އިއްތިފާގުންނެވެ.
ޖުމްލަ 40.4 މިލިއަންގެ ބަޖެޓް ފާސްކުރި އިރު އެފްއޭ އިމް އިން ހަރުދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 40.2 މިލިއަން ރުފިޔާ އެވެ. އެހްނެ ކަމުން ދަރަނިވެފައިވާ އެފްއޭއެމް އަށް މިއީ 213،602ގެ އަރަނި ބަޖެޓެކެވެ.
އެ ބަޖެޓާ އެކު ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އެއް މިލިއަން ރުފިޔާ ލިބޭނެ އިރު ދެވަނަ ޑިވިޝަނުގެ ޓީމްތަކަށް ވަނީ އެއްލައްކަ ރުފިޔާ ހިމަނާފަ އެވެ. އަދި އުރީދީ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދާ ޓީމަލަށް ތިންލައްކަ ރުފިޔާ ވަނީ ބަޖެޓްގައި ހިމަނައިފަ އެވެ.
މި އަހަރަށް ލާފާކޮށް ފާސްކުރި ބަޖެޓްގައި އެންމެ ބޮޑު ހޭދައެއް ހިންގާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ މުބާރާތްތަކަށެވެ. އެގޮތުން މުބާރާތްތަކަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ. އިދާރީ ހަރަދުތަކަށް 6.7 މިލިއަން ރުފިޔާ އަދި ޓެކްނިކަލް ޑިވެލޮޕްމަންޓަށް 6.07 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. ގައުމީ ޓީމުގެ ހަރަދުތަކަށް 3.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ރެފްރީންނަށް 1.9 މިލިއަން ރުފިޔާ އަދި މެޑިކަލް އަށް 380،000ރ. ވަނީ ހިމަނައިފަ އެވެ. އަދި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް އަށް 2.08 މިލިއަން ރުފިޔާ ވަނީ ހަރަދުވާނެ ކަމަށް ލަފާކޮށްފަ އެވެ. އެފްއޭއެމްގެ ބަޖެޓުން މި އަހަރު މާކެޓިން އަށް ވަނީ 3.5 މިލިއަން ރުފިޔާ ހިމަނާފަ އެވެ.
ބަޖެޓަށް ފައިސާ ލިބޭނެ ގޮތްތައް
- ޑޮނޭޝަން އިން: 9 މިލިއަން ރުފިޔާ
- ސްޕޮންސަރަޝިޕް: 8.4 މިލިއަން ރުފިޔާ
- އޭއެފްސީން: 6.1 މިލިއަން ރުފިޔާ
- ފީފާ އިން 7.8 މިލިއަން ރުފިޔާ
- ސަރުކާރުން: 6.4 މިލިއަން ރުފިޔާ
- ކުލީގެ ގޮތުގުއި: 1.8 މިލިއަން ރުފިޔާ
- ޓިކެޓް ވިއްކައިގެން: 364،200 ރުފިޔާ