ތެހެރާން : އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީން އުފައްދުމަށްފަހު ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފައިވާ ބެލަސްޓިކް މިސައިލް ނިޒާމެއް އެޤައުމުގެ ސިފައިންގެ ޚިދްމަތަށް ނެރެފިއެވެ.

އީރާނުގެ ޓީވީ ނެޓްވާކެއް ކަމަށްވާ އަލްޢާލަމް ބުނިގޮތުގައި "ޤިޔާމް 1" ގެ ނަމުން ނަންދެވިފައިވާ ބެލަސްޓިކް މިސައިލްގެ މިނިޒާމް އުފައްދާފައިވަނީ ދުރުރާސްތާގެ މިސައިލް އުފައްދާ "އީރާން އެއަރސްޕޭސް" ކުންފުނިންނެވެ.
އީރާނުން މިހާތަނަށް ޖައްވަށް ފޮނުވި ދެސެޓަލައިޓްވެސް ފޮނުވާފައިވަނީ އެކުންފުނިން އުފައްވާފައިވާ ސޮލިޑް ފިއުލްގެ ރޮކެޓުންނެވެ. މެދުރާސްތާގެ މިމިސައިލަކީ ނިއުކްލިޔަރ އަދި ކޮންވެންޝަނަލް ވޯރހެޑް އުފުލުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެއް ކަމަށް ޚަބަރުލިބެއެވެ.

އީރާނުގެ ދިފާޢީ ވަޒީރު އަހްމަދު ވަޙީދީ މިދިޔަ ހޮނިހިރު ދުވަހުވަނީ ކުރުރާސްތާގެ ރޮކެޓާއި ބައެއްބާވަތުގެކޮންވެންޝަނަލް ހަތިޔާރު އުފައްދާ ކާރުޚާނާއެއް އިފްތިތާހް ކުރައްވާފައެވެ.

އީރާނަކީ އެޤައުމަށް ބޭނުންވާ ހަތިޔާރުގެ ބޮޑުބައި އަމިއްލައަށް އުފައްދަމުން ގެންދާ ޤައުމެކެވެ. އީރާން އަމިއްލައަށް އުފައްދާ ބަރުހަތިޔާރުތަކުގެ ތެރޭގައި މިސައިލާއި ރޮކެޓުގެ އިތުރުން ޓޭންކާއި ބޮޑުބަޑިއާއި ހަނގުރާމަމަތީ ފައިޓަރ ޖެޓް މަތިންދާބޯޓާއި ސަބްމެރިންއާއި ޢަސްކަރީ މަނަވަރާއި ޓްރޮޕީޑޯ ރޮކެޓާއި ހެލިކޮޕްޓަރ އާއި ވައިގެ ދިފާޢީ ނިޒާމުތަކާއި ރާޑަރ ފަދަ ތަކެތި ހިމެނެއެވެ. (އަލްޢާލަމް)