16 Jul 2016, 14:08
ޕޫނޭ (ޖުލައި 16): ގާތްގަނޑަކަށް ތިން ކިލޯ ގުރާމުގެ ރަނުން ހަދާފައިވާ ގަމީހެއް ގަނެގެން މުޅި ދުނިޔެއަށް "ގޯލްޑް މޭން"ގެ ގޮތުގައި މަޝްހޫރުވި އިންޑިއާ މީހެއް ކަމަށްވާ ދައްތާ ޕޫގޭ މަރާލައިފި އެވެ.
ބުރާސްފަތި ދުވަހުގެރޭ ޕޫގޭ މަރާލާފައި ވަނީ އޭނާ ޕާޓީއަކަށް ދިޔަ މަގުމަތީގައި 12 މީހަކު ވެގެން އޭނާ ކާރުން ނެރެގެން، މީހުން ނެތް ސަރަހައްދަކަށް ގެންގޮސް އޭނާ އަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނާއި ގަލުން ތަޅައިގެން ކަމަށް ފުލުހުން ބުންޏެވެ. އެ ޕާޓީ އަށް ދާން އޭނާ އަށް ދައުވަތު ދިނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޕޫގޭގެ 22 އަހަރުގެ ދަރިފުޅު ޝުބްހާމް މީޑިއާ އަށް ބުނީ، އޭނާ ވެސް އެ ޕާޓީ އަށް ދިޔަ ކަމަށާއި އޭނާ އެ ޕާޓީ އަށް ދިޔަ މަގުމަތީގައި އޭނާގެ ބައްޕަ މަރާލި މަންޒަރު ފެނިފައި ކަމަށެވެ. ޝުބްހާމް ބުނި ގޮތުގައި އޭނާގެ ބައްޕައަށް ހަމަލާ ދިން 12 މީހުންގެ ތެރެއިން ނުވަ މީހަކު އޭނާ އަށް އެނގެ އެވެ. އަދި އެ މީހުންނަށް ޝުބްހާމް ފެނުނު ނަމަވެސް އެމީހުން ވަނީ އޭނާ އަށް އެއްވެސް އަނިޔާއެއް ނުކޮށް ފިލައިފަ އެވެ.
ޕޫގޭ މަރާލި ސަބަބު ހޯދުމަށް ޓަކައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލާފައި ވަނީ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި ޕޫގޭ އަށް ބޮޑުބޭބެ ކިޔާ މީހަކު ވެސް ހިމެނެ އެވެ. (އެންޑީޓީވީ)