ިބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގައި ފެންބޮޑުވެ ރަށުގެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

ހޮޅުދުއަކީ ބޯކޮށް ވާރޭވެހިއްޖެ ނަމަ އަބަދުވެސް ފެންބޮޑުވާ ރަށެކެވެ. އެއީ އެ ރަށުގެ މެދާ ދިމާލަށް އަޑިއަށް އޮންނާތީ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ހޮޅުދޫ ކައުންސިލުގެ ރައީސް މާޔިޒް މުހައްމަދު ވިދަޅުވީ މިއަދު 9:45ގައި ވެހެން ފެށި ވާރޭ އަދި ވެސް ވެހެމުންދާ ކަމަށެވެ. އަދި މިހާރު ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެފައިވާ ކަމަށެވެ.

"ބައެއް ގޭގެއަށް ވަނީ ފެންވަދެފައި، ދެން މިރަށުގައި ގިނަ ގޭގޭގައި ހުންނާނީ އޮޅިގަނޑު ވަރަށް މައްޗަށް ނަގާފައި އެހެންވީމާ ވަރަށް ފެން ބޮޑުވީ ފެންގެއަށް ވަންނާނީ،" މާޔިޒް ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ހޮޅުދޫގައި ފެންބޮޑުވެފައި: ވާރޭވެހިއްޖެ ނަމަ އެ ރަށުގައި ފެންބޮޑުވޭ -- ފޮޓޯ/ ކިޔުންތެރިއެއް

މިހާރު ބައެއް ގޭގޭގައި ވެލިގޯނި ޖަހާފައިވާ ކަމަށް ވެސް ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ފެން ހިއްކުމަށް ދެ ޕަންޕެއް ބޭނުންކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ފެން ހިނދޭ ގޮތް ނުވާ ކަމަށް މާޔިޒް ވިދާޅުވި އެވެ.

ފެންބޮޑުވެ އާންމުންނަށް ދަތިތަކާ ކުރިމަތިވާތީ ހޮޅުދޫން ވަނީ ފެން ހިއްކުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފަ އެވެ. މާޔިޒް ވިދާޅުވީ މީގެ ކުރިން ވެސް ފެންބޮޑުވެއްޖެ ނަމަ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ތަފާތު އެކި ފަހަރުމަތިން ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި ނަމަވެސް އެކަމަށް އަދި ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އިޔާޒް ވިދާޅުވި އެވެ. ނަމަވެސް ފެށޭ އަހަރުގެ ބަޖެޓުގައި ފެންބޮޑުވުން ހައްލުކުރުމަށް ހިމަނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވާތީ އެއީ ހިތްހަމަޖެހުމެއް ގޮތުގައި ކައުންސިލުގެ ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ބޯކޮށް ވާރޭވެހި ހޮޅުދޫގައި ފެންބޮޑުވެފައި: ވާރޭވެހިއްޖެ ނަމަ އެ ރަށުގައި ފެންބޮޑުވޭ -- ފޮޓޯ/ ކިޔުންތެރިއެއް

ފެންބޮޑުވުމުގެ ސަބަބުން ހޮޅުދޫގައި ތަކެތި ދުއްވަން އުނދަގޫވުމާއި ހިނގާ ބިގާވެ އުޅެން އުނދަގޫވުމުގެ އިތުރުން ގޭގެއަށް ފެން ވަންނާތީ އާންމު ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ،ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ ވެސް އެކަށީގެންވާ ކަމެއް
  • ހުޅަނގާއި ހުޅަގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެބާރުމިނުގައިވައިޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45މޭލު ބާރުމިނަށް ވައި ގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް.
  • ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެެ
  • އުތުރާއި މެދުތެރޭގެ ކަނޑުތަށް ގަދަވާނެ