16 Jul 2016, 11:35
ތުރުކީގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާ ގުޅިގެން އެ ގައުމަށް ކުރަމުށް ހަމެޖިހިފައިވާ ދަތުރެއް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ކެންސަލްކޮށްފި އެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއަގައި ބުނީ ކުރީގެ ބާސާގެ ތަރި ސެމިއުލް އެޓޫ އިންތިޒާމް ކޮށްގެން އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެރިޓީ ފުޓްބޯޅަ މެޗަށް މިއަދު މެސީ އެގައުމަށް ދާން ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރި އެ ދަތުރު ކެންސަލް ކުރެވިފައިވާ ކަމަށެވެ.
"ބާސާގެ ދެ ކުޅުންތެރިންކަމަށް ވާ މެސީ އާއި އިނިއެސްޓާ ތުރުކީއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރީ އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި،" އެބަޔާނުގައި ބުންޏެވެ.
އިއްޔެ އިން ފެށިގެން ތުރީކީގައި ހަމަނުޖެހުން ފެށުނީ އެ ގައުމުގެ ގާނޫނީ ސަރުކާރާއި ދެކޮޅަށް އަސްކަރިއްޔާގެ ބަޔަކު ނިކުމެ ވެރިކަން ބަދަލުކުރުމަށް އުޅުމުން ސަރުކާރަށް ވަފާތެރި ފަރާތްތަކާ ދެމެދު އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ބާޣީން ގެންނަން އުޅުނު ބަޣާވާއް ނާކާމިޔާބު ވެއްޖަކަން އިއުލާންކޮށް ހަމަނުޖެހުން ހިންގަން އުޅުނު 336 ފަރާތެއް ހައްޔަރު ކޮށްފިކަން އިއުލާން ކޮށްފަ އެވެ.