މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މާލޭގެ އިއްޒުއްދީން ފާލަމުގެ ސަތަރިއެއް އެއްލާލައިފި އެވެ.

އިއްޒުއްދީން ފާލަމުގައި ހުރި ތިން ސަތަރީގެ ތެރެއިން އެއް ސަތަރި ވަނީ އެއްލާލައިފަ އެވެ.

އެ ފާލަން ބަލަހައްޓަމުން އަންނަ އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ އެތަން ހެދޭނެ ގޮތަކާ މެދު އެމްއެންޑީއެފްއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ވައިގަދަވެގެން އެތަނުގެ މަތީގައި އިންތަން ނައްޓައިގެން ދިޔައީ. އެމްއެންޑީއެފްއާ އެކު އަޅުގަނޑުމެން ޑިސްކަސް އެބަހުރަން ކިހިނެތްތޯ އެތަނަށް ހެދޭނީ. އެއީ އެމްއެންޑީއެފްގެ ޑިޒައިނަކަށް ވެސް ވުމާ އެކު،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިއަދު ވެސް އެމްއެންޑީއެފާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް އެތަން މަރާމާތު ކުރެވޭތޯ ކަމަށެވެ.

މިނިވަން 50 އާ ދިމާކޮށް ބޮޑު ހޭދައެއްކޮށްގެން ތައްޔާރުކުރި އިއްޒުއްދީން ފާލަން މީގެ ކުރިން ވެސް ވަނީ އެކިފަހަރުމަތިން މަރާމާތުކޮށްފަ އެވެ.