16 Jul 2016, 10:51
އަންކާރާ (ޖުލައި 16): ތުރުކީގައި ބަޣާވާތަކުން އަސްކަރީ ވެރިކަމެއް ކުރަން އުޅުނު އަސްކަރިއްޔާގެ ބައެއް ފައުޖުތަކުގެ މަސައްކަތް ނާކާމިޔާބުކޮށްލައިފި އެވެ.
ތުރުކީގެ ސިފައިން ރޭ ކުރިއަށް ގެންދިޔަ ބަޣާވާތުގައި ސިފައިން ވަނީ ދައުލަތުގެ ޓީވީ ޗެނަލް، ޓީއާރުޓީ ވޯލްޑަށް ވަދެ ވެރިކަމާ ސިފައިން ހަވާލުވެއްޖެ ކަމަށާއި ގައުމުގައި ދެން އޮންނާނީ އަސްކަރީ ވެރިކަމެއް ކަމަށް އިއުލާންކޮށްފަ އެވެ. އަދި އަންކާރާއި އިސްތަންބޫލަށް ދެވެން އޮންނަ ބްރިޖުތައް ބަންދުކޮށް ޖެޓު ބޭނުންކޮށްގެން ވައިގެ ސަރަހައްދު ބަލަހައްޓައިފަ އެވެ.
އޭރު ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހުންނެވީ ޗުއްޓީ ހޭދަ ކުރައްވާން ތުރުކީގެ ރިޒޯޓު ރަށެއްގަ އެވެ. ނަމަވެސް ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވަނީ ބަޣާވާތް ކުރަމުން ދިޔަ ސިފައިންގެ ޖެޓުތައް ވައްޓާލަން އަމުރު ކުރައްވާ، ގައުމުގެ ހާލަތު ކޮންޓްރޯލު ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގައި ސިފައިން ބަޣާވާތް ކުރި އިރު ރައްޔިތުންގެ ބަޔަކު ބޮޑު ބަޑީގެ ކުރިމަަތީގައި --
ބަޣާވާތް ނާކާމިޔާބުވީ އިރު ރޭ ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި މަދުވެގެން 60 މީހަކު މަރުވެފައިވާ ކަމަށާއި ގާތްގަނޑަކަށް 336 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް އުރުދުޣާން އިސްތަންބޫލަށް ވަޑައިގެންނެވީ ގައުމުގެ ކަންތައްތައް ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައިވާ ކަމަށް ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވި ފަހުންނެވެ.
ތުރުކީގެ ޓީވީތަކުން ވަގުތުން ދެއްކި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބަޔަކު ވަނީ އޭނާ ހުންނެވި ހޮޓަލަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް އެހަމަލާ ދިނީ ރައީސް ހޮޓެލް ދޫކޮށް ވަޑައިގަތް ފަހުން ކަމަށެވެ.
"ގައުމުގެ 52 ޕަސެންޓު ރައްޔިތުން ވެރިކަމަށް ގެނައި ރައީސް ވެރިކަމުގައި ހުރީ. ރައްޔިތުން ވެރިކަމަށް ގެނައި ސަރުކާރު އޮތީ. އަޅުގަނޑުމެން ތިބިހާ ހިނދަކު އެމީހުން ކާމިޔާބެއް ނުވާނެ،" އުރުދުޣާން ވިދާޅުވި އެވެ.
ރައީސް އުރުދުޣާން ވާހަކަ ދައްކަވަމުން ގެންދެވި އިރު ބަޣާވާތް ކުރަން މަސައްކަތް ކުރި ބައެއް ސިފައިން ހަތިޔާރު ބަހައްޓަމުން ދިޔަ މަންޒަރު ޓީވީން ދައްކާފައިވެ އެވެ. (އަލްޖަޒީރާ)