އައްޑު އާއި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް ރޭ ތައާރަފުކޮށްފި އެވެ.

އެ ހިދުމަތް ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.

އެ ހިދުމަތް ތައާރަފުކޮށްދެއްވުމަށް ފަހު މިއަދުން ފެށިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ބަހުގެ ހިދުމަތް އާންމުންނަށް ހިލޭ ލިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ވައުދުވެވަޑައިގެން، އެ ވައުދުތައް ފުއްދަވާ ރައީސެއް ކަމަށާއި ބަހުގެ ހިދުމަތަކީ އެއޭގެ ބައެއް ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އެއްބާރުލުން ދެއްވާ ރައްޔިތުންގެ ގޮތުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުގައި އިފްތިތާޙްކުރި ބަސް ދަތުރުގެ ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށާއި ފަސޭހަކަމާ އެކީ އެއްތަނުން އަނެއްތަނަށް ރައްޔިތުންގެ މުދާ އުފުލޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރޭ އިފްތިތާޙްކުރި ޚިދުމަތުގެ ސަބަބުން އައްޑޫ ސިޓީގެ ދަތުރުފަތުރުކުރުމަށް ރައްޔިތުން ހޭދަކުރާ ފައިސާގެ 90 ޕަސެންޓް ކުޑަވެގެން ދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޖުނައިދު ވާހަކަފުޅު ދެއްކެވި އެވެ.