މިދިޔަ އީދު ދުވަހު ފީނަށް ގޮސް އުޅުމުގެ ތެރެއިން މަރުވި އއ. އުކުޅަހު އިރުމަތީގެ އަލީ ފިޒާލު، 28، ދަންނަ ކޮންމެ މީހަކު ވެސް އޭނާ ސިފަކުރަނީ މޫދު ރަސްގެފާނެއްގެ ގޮތުގަ އެވެ. ފީނުމުގެ ދާއިރާގައި އުޅޭ އެންމެ ކުޅަދާނަ އެއް ދިވެއްސެއްގެ ގޮތުގަ އެވެ. ފިޒާލު މަރާ އެކު ގިނަ ބަޔަކަށް ސިހުން ލިބިގެން ދިޔަ އެއް ސަބަބަކީ ވެސް އެއީ އެވެ. މަސް ހިފުމަށް ނުވަތަ މޫދުގައި ފީނުމަށް ވައިފުޅިއާ ނުލައި ފީނާ ފީނުން ނުވަތަ ފުރީ ޑައިވިންއަކީ ރާއްޖޭގައި ވަރަށް ގިނައިން ކުރަމުންދާ ކަމަކަށްވާ އިރު އެ މަރާ އެކު އެތައް އިބުރަތެއް ލިބިގެންދެ އެވެ.

ފިޒާލު މަރުވެފައި އެ ވަނީ ބުލެކް އައުޓް ވެގެންނެވެ. އެއީ ސިއްހީގޮތުން ކިތަންމެ ރަނގަޅު މީހެއް ނަމަވެސް ދިމާވެދާނެ ކުއްލި މައްސަލައެކެވެ. ޑީޕް ވޯޓާ ބްލެކްއައުޓް ނުވަތަ ފްރީޑައިވް ބްލެކްއައުޓަކީ ނޭވާ ހިފަހައްޓައިގެން އަޑިއަށް ފީނާފައި މައްޗަށް އަރާ ވަގުތު، ސިކުނޑިއަށް އޮކްސިޖަން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން މޫނުމައްޗަށް އަނދިރިވެ، ހޭނެތޭ ފަދަ ހާލަތެއް ދިމާވުމެވެ.

އެ ހާލަތް ގިނައިން ދިމާވަނީ އަޑިއަށް ފްރީޑައިވް ކޮށްފައި ފެނުގެ މައްޗަށް އަރަން ދާ އިރު، ކަނޑުގެ ސަތަހައިގެ ދަށުން ދިމާވާ ފުރަތަމަ ތިން މީޓަރުގަ އެވެ. ނުވަތަ ފްރީޑައިވް ކޮށްފައި ފެނުން މައްޗަށް އެރުމަށް ފަހު އެވެ. މިފަދަ ހާލަތުގައި ބައެއް ޑައިވަރުން ގެނބެން ދިމާވާ ސަބަބަކީ އެ މީހުންނަށް ކަނޑު އަޑީގައި ނޭވާ ނުފެހެއްޓެވުމުގެ ސަބަބުންނެވެ.

ބުލެކް އައުޓް ވުމާ އެކު އެމީހާ ބާރު ސުޕީޑެއްގައި އަޑިއަށްދެ އެވެ. ފުރީ ޑައިވް އިންސްޓެކްޓަރެއްކަމަށްވާ މުހައްމަދު ދުނައިމް ބުނި ގޮތުގައި މޫދަށް ކިތަންމެ މޮޅު މީހަކަށް ވިނަމަވެސް ބުލެކް އައުޓް ވުމާ އެކު އޭނާއަށް އަމިއްލެ ސަލާމަތައް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. މިއީ އިބުރަތް ލިބިގަންނަންވީ ސަބަބެވެ.

އިންސްޓެކްޓާ ދުނައިމް ބުނާ ގޮތުގައި ފުރީ ޑައިވް ކުރާއިރު ދިމާވާ އެ ހިތާމަވެރި ހާދިސާ އިން ސަލާމަތްވުމަށް އޮތީ އެންމެ ހައްލެކެވެ. އެއީ ފަރުވާދޭން އެނގޭ މީހެއް ކައިރި އޮތުމެވެ.

"ޑައިވިންއަށް ގޮސް އުޅޭ އިރު އެހީވާނެ މީހެއް ކައިރިއޮތުން ވަރަށް މުހިންމު، މީގައި ރައްކާތެރިވުމަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެއީ." ދުނައިމް ބުންޏެވެ.

ބުލެކް އައުޓް ވުމުން ދެން ހަދާނީ ކިހިނެއް!

ޑައިވިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާދެނީ ޑައިވަރެއް ބުލެކް އައުޓް ވުމާ އެކު ވީހާ ވެސް އަވަހަކަށް އޭނާ ފެނުން މައްޗަށް ނަގަން ޖެހެ އެވެ. އެއާ އެކު ފަރުވާ ދޭންޖެހެ އެވެ. އެންމެ އިސްކަންދޭން ޖެހޭ ކަމަކީ ބުރޭކް އައުޓްވި މީހާގެ މޫނަށް ސާފްވައި ލިބޭނެގޮތްހެދުމެވެ. އެއާ އެކު މާސްކު ނަގައި މޫނަށްވީހާ ވެސް ބޮޑަށް ވައިޖެހޭނެ ގޮތް ހެދުމެވެ.

"ލޯ ކައިރިއަށް ވައިޖެއްސުން ވަރަށް މުހިންމު، އެގޮތުން ކުރެވިދާނެކަމެއް ލޯ ކައިރިއަށް ފުމެލުމަކީ ވެސް، އަދި އެމީހަކާއި ވާހަކަ ދައްކަންވާނެ، އޭނަގެ ސަމާލުކަން ހޯދަންވާނެ،" ޑައިވިން އިންސްޓެކްޓަރު ބުންޏެވެ.

އެކަނި ފީނަން ނުދޭ، ވަރަށް ނުރައްކާ!

ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ފަދަ ފުރީ ޑައިވަރުން މަރުވަން ދިމާވާ އެއް ސަބަބަކީ ބުލެކް އައުޓް ވުމެވެ. ކުރިން ބުނިހެން އެއީ މީހާ ހަށިގަނޑު ނިކަމެތިވެގެން ނޫނީ ރައްކާތެރި ފިޔަވަޅެއް ނޭޅުމަކުންވާކަމެއްނޫނެވެ. އެހެންކަމުން އެކަނި ފީނަން ދިއުން ހުއްޓަން ޖެހެ އެވެ. އެކަނި އެހެންގޮސް އުޅުމުގެ ތެރެއިން ކުރިމަތިވެދާނެ ގެއްލުމަކީ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަންކަމެވެ.

"ވަރަށް ގިނަ ބަޔަކު ފުރީ ޑައިވްއަށްދާ އިރު ސަލާމަތައް ނުވިސްނާ، އެކަނިގޮސް މަސް ހިފާ ފީނާ މިހަދަނީ، މިހެންދާކަށްނުވާނެ، ސޭފްޓީ އެނގޭ ބަޑީއެއް ގޮވައިގެން ނޫނީ ދާކަށް ނުވާނެ،" ފުރީ ޑައިވް ދާއިރާގައި ހަރަކާތްތެރިވާ މުހައްމަދު އަހުމަދު ރަޝީދު(ޕިންޑޯ) ބުންޏެވެ.

އިސްވެ ފާހަގަ ކުރި ކަންތަކަށްބަލާ އިރު ފީނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްކާތެރި ފިޔަވަޅު އަޅަން ޖެހެ އެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ހަމަގައިމު ވެސް ވާނީ ހިތާމަވެރި ހާދިސާއެއް ދިމާވެއްޖެ ނަމަ އެހީތެރިވެވޭ ފަދަ މީހެއް ކައިރީގައި އޮތުމެވެ. ފިޒާލުގެ މަރުން އިބުރަތް ލިބިގަނެ މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.