16 Jul 2016, 00:43
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި އެވެ.
ޓެނިސް ކޯޓުގައި މިއަދު ހަވީރު ފެށުނު އެ މުބާރާތް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ހަތަރު ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން: އެ މުބާރާތުގައި 100 ކުޅުންތެރިން ވާދަކުރާނެ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ މުބާރާތުގައި އަށް އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ސިންގްލްސް އަދި ޑަބަލްސް އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެ ކޮންމެ އުމުރުފުރާއެއްގެ ވެސް އަންހެން އަދި ފިރިހެން ބައި ހިމެނެ އެވެ.
އެ މުބާރާތުގެ ފިރިހެނުންގެ އޯޕަން ސިންގަލްސް އާއި ޑަބަލްސް އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އަންހެނުންގެ ސިންގްލްސް އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގެ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ހަތަރު ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން: އެ މުބާރާތުގައި 100 ކުޅުންތެރިން ވާދަކުރާނެ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ މުބާރާތުގައި 45 އަދި 55 އަހަރުން މަތީގެ އުމުރުފުރާގެ ފިރިހެން ކުޅުންތެރިންނަށް ވެސް ހާއްސަ އިވެންޓްތަކެއް ކުރިއަށްދާނެ އެވެ. މުބާރާތުގައި 45 އަހަރުން މަތީގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކުރިއަށްދާ އިރު، 55 އަހަރުން މަތީގެ ޑަބަލްސް އިވެންޓް ކުރިއަށްދާނެ އެވެ.
ހަތަރު ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގައި 100 ބައިވެރިން ވާދަކުރާނެ ކަަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ މުބާރާތް ފެށުމުގެ ކުރިން ލިލީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޓެނިސް އެސޯސިއޭޝަންއާ ދެމެދު ވަނީ ސްޕޮންސަޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފަ އެވެ.