14:30


ގަލްފް އޮފް މެކްސިކޯގައި ތެޔޮނަގަން ހަދާފައި ހުރި ރިގެއްގައި އަލިފާން ރޯވެ އެތަން އަޑިއަށް ދިޔުމުގެ ސަބަބުން ކަނޑަށް ތެޔޮ ލީކްވަމުންދާ ދިޔުން ހުއްޓުވުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.


އޮބާމާ މިހެން ވިދާޅުވެފައިވަނީ މިހާދިސާގެ ސަބަބުން ކަނޑަށް ތެޔޮ ބޭރުވުން ހުއްޓުވުމަށް އޭނާ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ބުނުމާ ގުޅިގެންނެވެ.


އޮބާމާ ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް، އަދި ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށާއި ގައުމުގެ ގުދުރަތީ ވަސީލަތްތަކާއި އިގްތިސާދު ހިމާޔަތް ކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ޓަކައި ކުރެއްވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.


މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ގަލްފް އޮފް މެކްސިކޯގެ ސަރަހައްދުތަކުގައި ކުރަމުން އައި މަސްވެރިކަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި އެސަރަހައްދަށް ދުވާލަކު އަށްޑިހަ ހާސް ލީޓަރުގެ ތެޔޮ ދަނީ ބޭރުވަމުންނެވެ.