16 Jul 2016, 00:34
ސަންގު ޓީވީގެ ނޫސްވެރިއަކު، އޭނާ ވަޒީފާ އިން ވަކިވިކަން ޓީވީގެ އޮން އެއާގައި އިއުލާން ކޮށްފި އެވެ.
ސަންގު ޓީވީގެ ނޫސްވެރިޔާ ލަޔާލް މަނިކު އޭނާގެ ވަޒީފާ އިން ވަކިވާކަން ބުނީ، އިއްޔެ ހަވީރު ހަތަރެއްގެ ޚަބަރު ނިންމާލަމުންނެވެ. ޚަބަރު ނިންމާލުމުގެ ކުރިން ލަޔާލް އޮން އެއާގައި ބުނެފައި ވަނީ، ސަންގު ޓީވީގައި އޭނާ މިދިޔަ އަހަރު ދުވަހު ހޭދަކޮށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތަށާއި ސަންގު ޓީވީގެ ފަރާތުން އޭނާ އަށް ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"ސަން" އާ ވާހަކަ ދައްކަމުން ލަޔާލް މިރޭ ބުނީ ސަންގުޓީވީގެ އާ ހިއްސާދާރުންތަކެއް އެ ޗެނަލާ ހަވާލުވުމަށް ފަހު ނޫސްވެރިންނަށް ނުފޫޒު ފޯރުވަން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހިއްސާދާރުން ނޫސްވެރިންނަށް ފޯރުވާ ނުފޫޒުގެ ދަށުން މަސައްކަތް ކުރަން ބޭނުން ނުވުމުން، އޭނާ ވަޒީފާ އިން ވަކިވީ ކަމަށް އޭނާ ބުންޏެވެ.
"އޮން އެއާގައި އިންނަ އިރު ވެސް އެމީހުން ބޭނުން އެއްޗެއް ބުނަން ވަނީ،" ސަންގު ޓީވީގެ ޚަބަރު ގަޑިތަކާއި އެހެނިހެން ޕްރޮގްރާމްތައް ވެސް ހުށަހަޅަމުން އައި ނޫސްވެރިޔާ ލަޔާލް ބުންޏެވެ.
ލަޔާލް ބުނީ ސަންގު ޓީވީގެ ބެލުންތެރިންނަކީ އޭނާ އަށް ވަރަށް ހިތްވަރުދޭ ބައެއް ކަމަށެވެ. އެހެންކަމުން އޮން އެއާގައި ވަޒީފާ އިން ވަކިވިކަން އިއުލާން ކުރީ ބެލުންތެރިންނަށް ފަހު ބަހެއް ބުނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
"ސަންގު ޓީވީގެ ބެލުންތެރިން އަބަދުވެސް ވަރަށް ސަޕޯޓިވް. މިހާ ހިސާބަށް އަންނަން ވަރަށް އެހީތެރިވި. އެހެންވެ ބެލުންތެރިންނަށް ފަހު ބަހެއް ބުނެލަން ބޭނުންވީ،"
ލަޔާލްގެ އިތުރުން ސަންގު ޓީވީގެ އިތުރު ދެ ނޫސްވެރިއަކު ވެސް އިއްޔެ ވަނީ ވަޒީފާއިން ވަކިވެފަ އެވެ. އޭގެ ތެރޭގައި ސަންގު ޓީވީގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް އަބްދުﷲ ނަސީރު އިބްރާހީމް ވެސް ހިމެނެ އެވެ.
ލަޔާލްއާއި ނަސީރުގެ އިތުރުން އިއްޔެ ސަންގުޓީވީން ވަކިވި ތިންވަނަ ނޫސްވެރިޔާއަކީ ވެސް، ސަންގު ޓީވީ އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރަމުން އައި ނޫސްވެރިންތަކެކެވެ.