16 Jul 2016, 00:47
ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ރާއްޖޭގެ ގައުމީ ޒުވާން އަންހެން ޓޭބަލް ޓެނިސް ޓީމުން ރިހި މެޑެއްޔެއް ހޯދައިފި އެވެ.
ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދާ އެ މުބާރާތުން ރިހި މެޑެއްޔެއް ރާއްޖޭގެ ޓީމުން ހޯދީ 18 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީގައި މިއަދު ނޭޕާލްއާ ދެކޮޅަށް ކުޅެ، 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ގޭމު ނޭޕާލްގެ ސިކާ ސުރްވަލް ޝުރެސްތާ އަތުން 3-0 އިން ރާއްޖޭގެ ނާޒިމް އައިޝަތު ރަފާ ނާޒިމް މޮޅުވި އިރު، ދެވަނަ ގޭމުގައި ނޭޕާލްގެ ސޮނޫ ތަފާ މަގަރް އަތުން 3-0 އިން ރާއްޖޭގެ ލައިސާ ފަތުހުﷲ ވަނީ ބަލިވެފަ އެވެ.
ތިން ވަނަ ގޭމުގައި ނޭޕާލްގެ ލަސްތާ މަހަރްޖާން އަތުން 3-0 އިން ރާއްޖޭގެ އައިމިނަތު މަލީޝާ ބަލިވި އިރު، ހަތަރު ވަނަ ގޭމުގައި ސޮނޫ ތަފާ މަގަރް އަތުން ރާއްޖޭގެ ރަފާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އަދި ފަހު ގޭމުގައި ސިކާ ސުރްވަލް ޝުރެސްތާ އަތުން ރާއްޖޭގެ ލައިސާ މޮޅުވެފައިވަނީ 3-0 އިންނެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީން ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެއްޔެއް ހޯދި އިރު، 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީން ވެސް ރިހި މެޑެއްޔެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އަންހެން ޓީމަށް އެބައޮތެވެ. އެ ކެޓަގަރީގައި މިއަދު ޕާކިސްތާނު އަތުން ރާއްޖޭގެ އަންހެން ޓީމު މޮޅުވެފައިވާ އިރު، މާދަމާ ނޭޕާލް އަތުން މޮޅުވެއްޖެ ނަމަ އެ ކެޓަގަރީން ވެސް ރާއްޖެ އަށް ރިހި މެޑެއްޔެއް ލިބޭނެ އެވެ.
މި މަހުގެ 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމު މިއަދު މެޗުތަކެއް ކުޅެފައިވެ އެވެ. މިއަދު ސްރީ ލަންކާ، ނޭޕާލް އަދި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ފިރިހެން ޓީމު ނުކުތް އިރު، އެ ތިން މެޗުން ވެސް ސީދާ ތިން ސެޓުން ރާއްޖޭގެ ޓީމު ވަނީ ބަލިވެފަ އެވެ.