15 Jul 2016, 23:39
އިދިކޮޅު އިއްތިހާދުގެ ހަރަކާތުގައި މިހާރު ބައިވެރި ނުވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަދު ބަޔަކު އެކަނި ކަމަށާއި ޕީޕީއެމްގެ ތެރެއިންވެސް އެއްބާރުލުން ލިބޭ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.
މިރޭ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިއްތިހާދުގެ ހަރަކާތުގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް އިއްތިހާދާ އެކު މަސައްކަތް ކުރާ ކަމަށާއި، އެ ހަރަކާތުގައި ބައިވެރި ނުވަނީ "ރައީސުލްޖުމްހޫރިއްޔާއާއި މަދުބަޔަކު" އެކަނި ކަމަށެވެ.
މިރޭ އިދިކޮޅު އިއްތިހާދުން ވަނީ، ރޭ ފަސްކުރި އެ އިއްތިހާދުގެ ޖަލްސާ ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނެކަން އިއުލާން ކޮށްފަ އެވެ.
އަލީ ޒާހިރު ވިދާޅުވީ ވަކި ހުއްދައެއް ނުލިބިގެން އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުން ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި، މޫސުން ތަން ދޭ ނަމަ އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.
މި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ދުރުގައި ތިބި ބަޔަކުވެސް، "ކަންކަން ދާ ލެއް ގޯސް ކަމުން ކެތް ނުވެގެން" އިއްތިހާދުގެ ބައިވެރިންނާ އެކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ފާޅުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ މަސައްކަތް ނުކުރެވޭ ބައެއް ބޭފުޅުން ސިއްރިއްޔާތުގައި ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ހީނުކުރާ ކަހަލަ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ.