އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބު ކޮޅަށް މުހައްމަދު އުމައިރު ކާމިޔާބުކޮށްދިން ދެ ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާގެ މައްޗަށް ކުރި ހޯދީ ޓީސީންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ ނަތީޖާއާއެކު ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތް އިރު، މިރޭގެ މެޗުން ބަލިވި ޓީސީ އޮތީ ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ދެވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު މާޒިޔާ އަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރު އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޓީސީ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ލިބުނު ބޯޅައިން އަލީ ފާސިރު (ސެންޓޭ) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އެ ޓީމު ކުރީގައި އޮވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މެޗުގެ ދެވަނަ ހާފަށް ޓީސީން ނުކުތް އިރު، ހާފުގެ ކުރީކޮޅުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޓީސީން ނަތީޖާ ހަމަހަމަކުރި އެވެ. ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. ހިލޭ ޖެހުމުން ސެންޓޭ އުފެއްދި އެ ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 62 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފަ އެވެ. މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އުމައިރު އެވެ. ހިލޭ ޖެހުމުން އުމައިރު އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 86 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަހްމަދު ނާޝިދު (ނައްޓޭ) އަށް ލިބުނު ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބު ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ބައްދަލުކުރާ އިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.