16 Jul 2016, 09:18
ފޯނަށް ބަލަހައްޓައިގެން ހުރެ އެއްކޮޅުން އަނެއްކޮޅަށް ހިނގަނީ އެވެ. އެއްޗެއް ގެއްލިގެން ހޯދާ ކަހަލަ އެވެ. އަނެއް ބަޔަކު ގްރޫޕު ހަދައި ބައެއް ސަރަހައްދުތަކުގައި ހަމަ ފޯނަށް ބަލަހައްޓައިގެންނެވެ. ދޭތެރެ ދޭތެރެއިން އަތާއި އަތް ޖަހާލަ އެވެ. ގިނައިން ތިބެނީ ވަރަށް ވެސް ވިސްނުންތެރިކަމާ އެކު ފޯނަށް ބަލަހައްޓައިގެންނެވެ. އިސްވެ މިފާހަގަކުރި މަންޒަރު މާލޭގެ މަގުތަކުން ފެނުން ވަރަށް އާންމުވެއްޖެ އެވެ. މިވާގޮތެއް ބަލަން ބޭނުންވާ ގިނަ މީހުން ގިނަވެއްޖެ އެވެ. ކަންބޮޑު ނުވާށެވެ. މިއީ މީގެ 10 ވަރަކަށް ދުވަސްކުރިން ތައާރަފްކުރި ގޭމެއްގެ ފޯރި އެވެ.
މީގެ ވއްސަކަށް އަހަރު ކުރިން 1996ގައި ޖަޕާނުން އުފެއްދި "ޕޮކެމޮން" އަކީ ގިނަ ބައެއްގެ ހިތްދަމައިގަތް ކާޓޫނެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ޓީވީ ގޭމްތައް އޭރު ތައާރަފްކުރެވުނެވެ. ޕޮކެމޮންގެ ފަހުގެ އުފެއްދުމަކަށްވެފައި ވަނީ ސުމާޓް ޑިވައިސްތަކުން ކުޅޭ ގޭމެއް ކަމަށްވާ "ޕޮކެމޮން ގޯ" އެވެ. އެއާ އެކު އެތަކެއް ޒުވާނުންގެ ހިތްތަކެއް އެ ވަނީ ފަތަހަކޮށްފަ އެވެ. އެކަމުގައި އެންމެ ބޮޑަށް ޖެހިފައިވާ އެއްބަޔަކަށް ދިވެހި ޒުވާނުން މިވަނީ ވެފަ އެވެ.

އެ ގޭމަކީ ވަށައިގެންވާ ތަންތަން ބަލައި ފާހަގަކޮށްފައިވާ ތަންތަނަށް ގޮސް، ޕޮކެމޮން ހިފައި ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ ގޭމެކެވެ. އެހެންކަމުން ގޭމް ކުޅުމަށް އެކި ސަރަހައްދުތަކަށް ދާން ޖެހެ އެވެ. އެގޮތަށް ދިއުމަށް ވަކި ހާއްސަ ސަރަހައްދުތަކެއް ގޫގުލް މެޕް އިން ކަނޑައަޅަފައިވާ އިރު އެ ސަރަހައްދުތައް ވަނީ "ފުރިފަ" އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ބަގީޖާއާއި އިސްލާމިކް މަރުކަޒު ސަރަހައްދު ހިމެނެ އެވެ. ގިނައީ މިސްކިތް ސަރަހައްދުތަކާއި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކެވެ.
ކަންނެތްކަމާ އެކު މީގެ ކުރިން ގޭމް ކުޅޭގުޅުން މިގޭމާ އެކު މިވަނީ ބަދަލުކޮށްލައިފަ އެވެ. މިގޭމް ކުޅެން މިޖެހެނީ އެކިތަންތަނަށް ދާންށެވެ. އޭގެން ވެސް އެންމެ ރަނގަޅުގޮތަކީ ހިނގާފައިދިއުމެވެ. އެހެންކަމުން މިއީ މީހާ ގޭ މާހައުލުން ނެރެ އުފާކޮށްލާ ގޭމެކެވެ. މިކަމުން އެތައް ބަޔަކަށް މިވަނީ އުފާވެރިކަން ގެނެސްދީފަ އެވެ.
"އަސްލު ވަރަށް އެހެންކަހަލަ ހިތްހަމަ ޖެހުމެއް ލިބޭދޯ ގޭތެރޭގައި އޮވެލާފައި ނުކުމެލާފައި މިހެން ހިނގާލާ، ވަރަށް ފަން [މަޖާ] އަސްލު، ދެން ހަމަ ހިނގަންޖެހެނީ ފުދޭވަރެއްގެ އެކްސަސައިޒު [ކަސްރަތު] ލިބޭ އަސްލު،" ކުޑަކުދިން ބަގީޗާކައިރީ އެގޭމް ކުޅެން ހުރި އަހުމަދު ރައިހާން ސޮބާހް ބުންޏެވެ.

ކޮންމެ އަކަސް އިންތާ އިންދެ އިސް އުފުލާނުލައި ކުރަމުން ދިޔަ ކަންކަމަށް މިގޭމުން މިވަނީ ބަދަލު ގެނެސްފަ އެވެ. މިގޭމް ކުޅޭ ނަމަ އެއްތަނުން އަނެއްތަނަށް ގޮސް އެކަކު އަނެކަކާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރަންޖެހެ އެވެ. މިގޭމުގެ ފޯރި ހިފާފައިވާ މިންވަރު ސޯޝަލް މީޑިއާ އިން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މުޅި ނިއުސް ފީޑްގައި އެގޭމުގެ ވާހަކަ އެވެ. އެގޭމަށް ޖޯކް ޖެހުމާއި ގޭމަށް މީހުން ދެވިހިފައިވާ މިންވަރު ހާމަކޮށްދޭ އެތައްކަމެއް ހިމެނެ އެވެ.
ޕޮކޮމަން ގޭމާ އެކު އުފެދިފައިވާ އެފޯރީގައި ޓެލެކޮމް ކުންފުނިތައް ވެސް މިވަނީ ޖެހިފަ އެވެ. އެ ކުންފުނިތަކުން ބުނަނީ އެ ގޭމާ އެކު އިންޓަނެޓް ބޭނުންކުރުން އިތުރުވެފައިވާ ކަމަށެވެ. އެގޭމަށް އެ ކުންފުނިތަކުން ވަރަށް އެއްބާރުލުންދެ އެވެ. އެގޮތުން އުރީދޫއާއި ދިރާގުން ވެސް ވަނީ އެގޭމް ކުޅުމަށް ހިތްވަރު ދިނުމަށް ތަފާތު ކަންތައްތަކެއްކޮށްފަ އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން ކޯޑިނޭޓާ ހަސަން ޝާރިހް އާދަމް ވިދާޅުވީ ޕޮކެމޮން ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދިރާގުގެ މައި އޮފީސް ސަރަހައްދުން ހިލޭ ވައިފައި ލިބޭ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ދިރާގުގެ އެ ސަރަހައްދަކީ އެގޭމުގެ މައި އެއްސަރަހައްދެވެ. އެގޭމް ކުޅުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި ދަނީ ހަރަކާތްތަރިވަމުންނެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އެގޭމް ކުޅުމަށް ފަހު ޕޮކެމޮންއާ އެކު އެންމެ ރީތި ފޮޓޯއެއް ނަގާ ފަރާތަކަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާ ދިނުމަށް ނިންމާފައިވާ އިރު ގޭމް ކުޅެގެން އެންމެ މަދު ވައްތަރު ޕޮކެމޮން ނުވަތަ އެންމެ ގިނައިން މާކްސް ލިބޭ ޕޮކެމޮން ހޯދާ ފަރާތަކަށް ވެސް ދެ ޖީބީ ޑޭޓާ ދިނުމަށް އުރީދޫ އިން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ތައާރަފްވާ ގޭމްތަކާ އެކު މިފޯރި އަބަދުހެން އުފެދެ އެވެ. ގަޑިއެލާމްކޮށްގެން ހޭލާ ގޭމެއް ކުޅުނު ދުވަސްވަރެއް ވެސް ދިޔަ އެވެ. މިއީ އުފާކުރަން ކުރާކަމަކަށްވާ އިރު މިކަންކަމުން ހައްދު ފަހަނަ ނޭޅުން މުހިންމެވެ. އިސްޖަހައިގެން ހިނގާއިރު އަނިޔާއެއް ނުވާނެ ގޮތަށް އަމަލުތައް ބަހައްޓަންޖެހެ އެވެ.
ލޯބެވެރިޔާއާ އެކު ދުއްވާލުމަށް ނުވަތަ ހިނގާލުމަށް ދާއިރު އޭގެ އެއްބައިވެރިއަކަށް ޕޮކެމޮން ގޭމް މިވަނީ ވެފަ އެވެ. ފޫހިވެ ކަންނެތްކަމާ އެކު ގޭތެރޭގައި ތިބި ފަރާތްތަކުން މަގުތަކަށް ނެރުނު ކަމަކަށް އެގޭމް މިވަނީ ވެފަ އެވެ. ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ. ޓެކްނޮލޮޖީއަށް އަހުލުވެރި އެކި ފަރާތްތަކުން މިދަނީ އެކަން ކުރަމުންނެވެ. ކޮންމެ އަކަސް މަގުތަކުން މިފެންނަ ކަމަކީ މިއީ އެވެ.