ދިވެހިންގެ ހިތް އަތުލާފައިވާ "ޕޮކެމޮން ގޯ" ކުޅުމަށް ދިރާގުން ހިލޭ ވައިފައި ދޫކޮށްފިއެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން ކޯޑިނޭޓާ ހަސަން ޝާރިހް އާދަމް ވިދާޅުވީ ޕޮކެމޮން ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދިރާގުގެ މައި އޮފީސް ސަރަހައްދުން ހިލޭ ވައިފައި ލިބޭ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޭމް ކުޅުމަށް ގިނައަދަދެއްގެ ބަޔަކު އެސަރަހައްދުގައި މިހާރުވެސް ދަނީ ހަރަކާތްތަރިވަމުންނެވެ.

އެގޭމަކީ ޕޮކެމޮން ހިފައިގެން ކުޅޭ ގޭމަކަށްވާއިރު ޕޮކެމޮން ގިނަކުރުމަށް ލުއާ އެޅުމުގެ ހަރަކާތެއްވެސް ދިރާގުން މިއަދު ކުރިއަށްގެންގޮސްފައިވާ ކަމަށް ޝާރިހު ވިދާޅުވިއެވެ. ލުއާ އެޅުމަކީ އެސަރަހައްދަކަށް ޕޮކެމޮން ދޫކުރުމެވެ.

ޕޮކެމޮން ގޯ ނެރުނުތާ ހަފްތާއެއްގެ ތެރޭގައި އެ ގޭމު ވަނީ އެންމެ މަގުބޫލު ގޭމިން އެޕްލިކޭޝަންތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފަ އެވެ. އެ ގޭމަކީ ވަށައިގެންވާ ތަންތަން ބަލައި ފާހަގަކޮށްފައިވާ ތަންތަނަށް ގޮސް، ޕޮކެމޮން ހިފައި ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ ގޭމެކެވެ.