22 May 2011, 23:39
ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ގެ ބައެއް ޢިމާރާތްތަކަށާއި ޓްރިޕޮލީގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަދަރަށް ނޭޓޯގެ މަތިންދާބޯޓުތަކުން މިއަދު ހެނދުނު ވައިގެ ވަރުގަދަ ޙަމަލާތަކެއްދީފިއެވެ.
ލީބިޔާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ނޭޓޯގެ ޙަމަލާތަކުގައި ޓްރިޕޮލީގެ ބަދަރަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެބަދަރުގައިވާ ބައެއް އާގުބޯޓުތަކަށާއި ކޮންޓޭނަރުތަކަށްވެސް ގެއްލުން ލިބުނެވެ. ނަމަވެސް މީހުންނަށް ގެއްލުން ލިބުނުކަން އަދި ކަށަވަރެއް ނުވެއެވެ.
ގައްޒާފީގެ ބާބުލްޢަޒޒިއްޔާ ކޭންޕަށް ދިން ޙަމަލާތަކުގައިވެސް ޢިމާރާތްތަކެއް ފުނޑުފުނޑުވެފައިވާ މަންޒަރު ލީބިޔާގެ ޓީވީން ވަނީ ދުރަށް ދައްކާފައެވެ. ނޭޓޯއިންވެސްވަނީ ޓްރިޕޮލީއަށާއި ގައްޒާފީގެ ކޭންޕްގެ ބައެއް ޢިމާރާތްތަކަށް ޙަމަލާދިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޓްރިޕޮލީއަށް ދިން ޙަމަލާތައް އަމާޒުކުރީ ގައްޒާފީގެ ޢަސްކަރީ ބާރުތަކުގެ ކޮމާންޑިން ސެންޓަރުތަަކަށް ކަމަށް ނޭޓޯ ބުނެއެވެ.
މިދިޔަ ހުކުރުދުވަހުވެސް ވެރިރަށް ޓްރިޕޮލީއަށާއި ލީބިޔާގެ އެކިކަންކޮޅުތަކަށް ނޭޓޯގެ ބޯޓުތަކުން 157 ޙަމަލާ ދިންކަމަށް ނޭޓޯގެ ބަޔާނެއް ބުނެއެވެ. މިދިޔަ މާރޗްމަހުގެ 19 ވަނަ ދުވަހު ލީބިޔާއާ ދެކޮޅަށް ނޭޓޯ ފެށި ވައިގެ ޙަމަލާތަކުގައި މިހާތަނަށް 7500 ޙަމަލާ ދީފައިވާކަމަށް ނޭޓޯ ބުނެއެވެ.
އަނެއްކޮޅުން ލީބިޔާގެ އިދިކޮޅު ފަރާތްތައް ބުނާގޮތުން ގައްޒާފީގެ ބާރުތަކުން މިއަދުވަނީ މިސްރާތާގެ މީހުން ދިރިއުޅޭ ބައެއް ޢިމާރާތްތަކަށް ބޮޑުބަޑިންނާއި ޓޭންކުން ޙަމަލާތަކެއް ދީފައެވެ. ލބިޔާގެ އެތަށްސަރަޙައްދެއްގައި ގައްޒާފީގެ ބާރުތަކާއި އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންގެ ބާރުތަކާދެމެދު ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ.
ޚަބަރުތައް ބުނާގޮތުން ގައްޒާފީ މިހާރު ހުންނެވީ ޓްރިޕޮލީން ބޭރުގައިވާ ބިންގަރާހެއްގައި ފިއްލަވައިގެންނެވެ. އޭނާގެ އަސަރެއް ޓްރިޕޮލީން ފެންނަންނެތް ކަމަށް ޓްރިޕޮލީގެ ރައްޔިތުންނާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. ގައްޒާފީގެ އަނބިކނބަލުންނާއި ދަރިކަނބަލުން އަވަށްޓެރި ތޫނިސްއަށް ދާދިފަހުން ވަޑައިގެންނެވި ކަމަށް ފެތުރުނު ޚަބަރުތަކެއް ލީބިޔާ ސަރުކާރުންވަނީ ދޮގުކޮށްފައެވެ. -- އަލްޖަޒީރާ