މިހާރު އެންމެ މަގުބޫލް އެއް ގޭމް ކަމަށްވާ "ޕޮކެމޮން ގޯ" ކުޅެގެން ދެ ޖީބީ ޑޭޓާ ހިލޭ ލިބޭ ޕުރޮމޯޝަންއެއް އުރީދޫއިން ފަށައިފިއެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، އެގޭމް ކުޅުމަށްފަހު ޕޮކެމޮން އާއެކު އެންމެ ރީތި ފޮޓޯއެއް ނަގާ ފަރާތަކަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާ ދިނުމަށް ނިންމާފައިވާއިރު ގޭމް ކުޅެގެން އެންމެ މަދު ވައްތަރު ޕޮކެމޮން ނުވަތަ އެންމެ ގިނައިން މާކްސް ލިބޭ ޕޮކެމޮން ހޯދާ ފަރާތަކަށްވެސް ދެ ޖީބީ ޑޭޓާ ދިނުމަށް އުރީދޫއިން ނިންމާފައިވާ ކަމަށެވެ.

އެގޭމް އެޓާސްކުތައް ނިންމުމަށްފަހު ޓުވިޓާއިން ނުވަތަ ފޭސްބުކްއިން އުރީދޫއަށް ފޮނުވުމުން ޕުރޮމޯޝަންގައި ބައިވެރިވެއެވެ.

އެޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޕޮކެމޮން ގޯ ނެރުނުތާ ހަފްތާއެއްގެ ތެރޭގައި އެ ގޭމު ވަނީ އެންމެ މަގުބޫލު ގޭމިން އެޕްލިކޭޝަންތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފަ އެވެ. އެ ގޭމަކީ ވަށައިގެންވާ ތަންތަން ބަލައި ފާހަގަކޮށްފައިވާ ތަންތަނަށް ގޮސް، ޕޮކެމޮން ހިފައި ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ ގޭމެކެވެ.