15 Jul 2016, 19:47
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ކޮޅަށް ފަހު ވަގުތު ވެލިޗްކޯވް މިޓްކޯވް ކާމިޔާބުކޮށްދިން ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ނަތީޖާއާއެކު، ކުޅުނު އަށް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައި ނިއު އޮތްއިރު، މިއަދުގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ކުޅުނު އަށް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ ނިއުގެ ފަރާތުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ނިއުގެ އަހްމަދު ސުހައިލް (ބަންޕުޗް) އަށެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ބަންޕުޗް އުފެއްދި ހަމަލާ، ކީޕަރު ހަސަން ތޮލާލް ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ނިއު އަށް ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ކީޕަރު ތޮލާލް ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތުން ދޫވުމާއެކު ލިބުނު ބޯޅައިން ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) ހަމަލާއެއް ފޮނުވާލި ނަމަވެސް، ވިކްޓަރީގެ ގޯލަށް ވަނުމުގެ ކުރިން އާދިލް އަބްދުލް ރަހުމާން ވަނީ ބޯޅަ ދިފާއުކޮށްފަ އެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ވެސް ނިއުއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، މުހައްމަދު މުސްލިހު އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ނިއުގެ އިއްޒަތު އަބްދުލް ބާރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިއްޒަތު އުފެއްދި ހަމަލާ، ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިކްޓަރީގެ އަހްމަދު ހަސަން އުފެއްދި ހަމަލާ ކީޕަރު ސުލޭމާނާ އަބޫ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ނިއުއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އިއްޒަތު ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ވެލިޗްކޯވް މިޓްކޯވް އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.