ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެންމެ ސުލްހަވެރި އަދި ދިރިއުޅެން އެންމެ އަރާމު ގައުމުކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސިޔާމް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދުނިޔޭގެ ބައްރުތަކުގެ ތެރެއިން މެދު އިރުމައްޗާއި އޭޝިއާގެ އިތުރުން ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޔޫރަޕުގައި ވެސް ހަނގުރާމައާ ބޮން އެޅުން ހިނގަމުންދާ ކަމަށެވެ.

ނަމަވެސް ރާއްޖެއަކީ ސުލްހަވެރިކަމާ އެކުވެރިކަމުގެ ގައުމެއް ކަމަށާއި ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރާ ގައުމެއް ކަމަށް ފާހަގަކުރެއްވި އެވެ.

އަދި ވިދާޅުވީ، ފަތުރުވެރިކަމަކީ ގައުމެއްގެ އެކުވެރިކަމާ ސުލްހަ މަސަލަސްކަމަށް ބަރޯސާވެފައި އޮންނަ ކަމެއް ކަމަށާއި އެ ސުލްހަވެރި މާހައުލު ބޭއްވުމަކީ ރާއްޖޭގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަކީ ޒުވާނުން ކަމަށް ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ، ގައުމު ހަލާކުވެގެންދާން އަދުގެ ޒުވާނުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުނާއި ރައްޔިތުންނެއް ރާއްޖެއަށް ގެއްލުންދޭން އުޅޭ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގަބޫލެއްނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޒުވާނުންނެއް ބޭނުމެއް ނުވާނެ ރާއްޖޭގެ ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާލައި ރާއްޖޭއަށް އަންނަ ކުރިއެރުންތަކާ މުއްސަނދިކަމާ ރާއްޖެއަށް އަންނަ ފަތުރުވެރިން އައުން ހުއްޓާލާކަށް،" ސަން ސިޔާމް އިރުފުށީގައި މި ހަފްތާ ތެރޭގައި ބޭއްވި ޓުއަރިޒަމް ފިލްމު ފެސްޓިވަލްގެ ތެރެއިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ފަތުރުވެރިކަމަށް އިޝާރާތްކުރައްވާ ސިޔާމް ވިދާޅުވީ، ކުރިން ވެސް އަދި މިހާރު ވެސް ގައުމަށް ސިޔާސީ ބޭފުޅުން ބޭރުގެ ބައެއް ގައުމުތަކަށް ގޮސް ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާއި ސިއްހީ ހިދުމަތަކާއި ތައުލީމީ ނިޒާމެއް ނެތް ކަމަށް ބުނެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

"ނުބައި ނުވަތަ ނުލަފާ ނުވަތަ ހަޑިހުތުރުކޮށް މީހަކާ ދިމާލަށް އެއްޗެހި ކިޔާ ތަނެއްގަ ވެއްޖެއްޔާ މީހުން އަޑުއަހަން ބޭނުންވާނެ ވަރަށް ގިނައިން، ނަމަވެސް މީހަކާ ދިމާލަށް ހެޔޮ ލަފާ ރަނގަޅު މީހެކޭ ބުނާ އަޑު އަހާކަށް ބޭނުމެއް ނުވާނެ،" ސިޔާމް ވިދާޅުވި އެވެ.

ނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނުކޮށްދޭ އިޖްތިމާއީ އެތައް ކަމެއް އަދުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ ކަމަށާއި އެކަން ރާއްޖޭގެ ރިސޯޓްތަކަށާއި ރަށްތަކަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ ހިދުމަތްތަކާ އެއްޗެހި ފެނި އެކަން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.