15 Jul 2016, 16:33
މާލެ ސަރަހައްދުގައި ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރުމަށް ސިފައިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހުޅުމާލެއަށާއި ވިލިމާލޭގެ އިތުރުން މާލެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިރޭ 6:00 އަކާއި ހަމައަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްޓީސީސީއިން ހުޅުމާލެއާއި ވިލިމާލެއަށް ދެމުންދާ ފެރީގެ ހިދުމަތައްވެސް މިހާރު ވަނީ ބަދަލުތަކެއްގެނެސްފައެވެ. މިހާރު ދަތުރުކުރަނީ މޫސުން ތަންދޭ ވަރަކުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ހެނދުނު 10:00 އަކާއިހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގެ ކަނޑުތަށް ޢާއްމުގޮތެއްގައި ގަދަވާނެ ކަމަށް މެޓްއޮފީހުން ބުނެއެވެ.