ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން ހުށަހެޅުންތައް އައި ނަމަވެސް، އިނގިރޭސި ކްލަބު ވެސްޓް ހާމް ޔުނައިޓެޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް ދީފި އެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ޔޫރޯ 2016ގައި ފްރާންސާއެކު ދެއްކި މޮޅު ކުޅުމާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމްއާއެކު ދެއްކި ކުޅުމުން ބޮޑެތި ކްލަބުތަކަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދެ އެވެ.

ޕަޔެޓް ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ކްލަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. ވެސްޓް ހާމްއާއެކު ޕަޔެޓް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

"އަހަރެންނަށް ބޮޑެތި ކްލަބުތަކަކުން ޝައުގުވެރިވާކަން އެނގުމުން އުފާކުރަން. އެކަމަކު ވެސްޓް ހާމް އަކީ އަހަރެން ލޯބިކުރާ ކްލަބެއް. އަހަރެމެން ވަރަށް ރަނގަޅު ސީޒަނެއް ހޭދަކޮށްފިން. އަހަރެން ވެސްޓް ހާމްގައި މަޑުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،"ދަ ސަންއަށް ދިން އިންޓަވިއުއެއްގައި ޕަޔެޓް ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ޕަޔެޓް ވަނީ ވެސްޓް ހާމް އަށް ނުވަ ލަނޑު ކާމިޔާބުކޮށްދީ، 12 ލަނޑު ކާމިޔާބު ކޮށްދިނުމަށް މަގުފަހުކޮށްދީފަ އެވެ. އޭގެ އިތުރުން ޔޫރޯ 2016ގައި ފްރާންސަށް މުހިއްމު ތިން ލަނޑެއް ޕަޔެޓް ކާމިޔާބުކޮށްދިނެވެ.