މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ގަވައިދާ ޚިލާފަށް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނެ، އެ މައްސަލާގައި ބޭއިންސާފު ލިބިފައިވާ މުވައްޒަފުންނަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެދި ކަރެކްޝަންސް އަށް ސިޓީއެއް ފޮނުވައިފި އެވެ.

ކަރެކްޝަންސްގެ ހަތަރު މުވައްޒަފުންގެ ވަކީލު މަހުފޫޒް ސައީދު އިއްޔެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ސާވިސްގެ ބައެއް މުވައްޒަފުންނަށް ގަވައިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުވައްޒަފުން އެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ވަކީލު މަހުފޫޒް ވިދާޅުވެފައި ވަނީ އެ މައްސަލާގައި ބޭނުންވަނީ ކޯޓުން ބޭރުން ހައްލެއް ލިބޭތޯ ބެލުމަށް ކަމަށެވެ.

ވަކީލު ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުންނާ މެދު ތަފާތުކުރުން ބަހައްޓާކަން މީގެ ކުރިން އެސާވިސްގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

ސިޓީގައި، 2015 ވަނަ އަހަރު ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރު ގަވައިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނެފައިވާ އިރު، ގަވައިދާ ޚިލާފުވެފައިވާ ތަފާތު ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ޕްރޮމޯޝަން ދިނުމުގެ ކަންކަން ހިންގުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ގަވައިދުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް އެކުލަވާލާފައި ވަނީ އަށް މެމްބަރުންގެ ކޮމިޓީއެއް ކަމަށް ވަކީލު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މަގާމުގެ ޕްރޮމޯޝަނަށް ކުރިމަތިލުމަށް މުވައްޒަފުންނަށް ހަމަހަމަ ފުރުސަތު ދީފައި ނުވާ ކަމަށާއި، ގަވައިދުގެ 16 ވަނަ މާއްދާގައި ޝަރުތު ހަމަނުވާ ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ވަކީލު ފާހަގަ ކުރައްވާފައިވެ އެވެ. އަދި ޑިސިޕްލިނަރީ މައްސަލަ ހުރި ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށް، ރިކޯޑުން އެކަންކަން ފޮހެފައިވާކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ ސިޓީގައި މުވައްޒަފުންގެ ވަކީލު އިތުރަށް ވިދާޅުވީ ޕްރޮމޯޝަން ދިނުމުގެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ޝަރުތުތަކެއް ފުރިހަމަ ނުވާ ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި، ޕްރޮމޯޝަން ދޭން ބޭނުންވާ ވަކިވަކި މުވައްޒަފުން އައްޔަނުކޮށް، މުވައްޒަފުންނަށް މާކްސްދިން މިންވަރު ބަލައި، މާކްސް އިތުރުކުރުމާއި ދަށްކުރުން ފަދަ ކަންކަން، ކޮމިޝަނާ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިޝަނާ، ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކުރައްވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެ އެވެ.

ވަކީލު ވިދާޅުވީ ފާހަގަކޮށްފައިވާ މައްސަލަތަކަށް ބާރު ލިބޭ މައުލޫމާތާއި ލިޔެކިޔުންތައް ލިބިފައިވާ ކަމަށެވެ. އަދި ލިޔުންތަކަށް ބަލާއިރު ބޮޑެތި އިޖުރާއީ މައްސަލަތަކަކާއި ގަވައިދާ ޚިލާފު ބައެއް ކަންކަން ހިނގާފައިވާކަން ހާމަވާ ކަމަށް ވަކީލު ވިދާޅުވެ އެވެ.

އެހެންކަމުން މި ކަންކަމާ ގުޅޭ ގޮތުން ކަރެކްޝަންސްއާ ވާހަކަ ދައްކައިގެން މައްސަލައަށް އެދެވޭ ހައްލެއް ލިބޭތޯ ބަލައި، އިޖުރާއަތު "ބޭއިންސާފުން ހިނގުމުގެ ސަބަބުން" ގެއްލުން ތަހައްމަލު ކުރަންޖެހުނު މުވައްޒަފުންނަށް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށާއި މިކަމާ މެދު ހަތް ދުވަސް ތެރޭގައި ޖަވާބެއް ދިނުމަށް ވަކީލު އެދިފައިވެ އެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައްސަލަ ހައްލު ކުރުމަށް އެދެވޭ އެއްބާރުލުމެއް ނުލިބޭ ނަމަ ކޯޓަށް ދާނެ ކަމަށް ވެސް ކަރެކްޝަންސްގެ މުވައްޒަފުންގެ ފަރާތުން ވަކީލު މަހުފޫޒް، ކޮމިޝަނާ އޮފް ޕްރިޒަންސް އަށް އަންގާފައިވެ އެވެ.