22 May 2011, 23:37
ރިޑެންޑެންސީ ޕެކޭޖުގެ ގޮތުގައި އިނާޔަތްތަކާ އެކު ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިވުމަށް ފުރުސަތު ދެވޭނީ 1350 މުވަޒިފަކަށް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ދިޔަ މަހުގެ 19 ވަނަ ދުވަހު ކެބިނެޓުން ނިންމި ނިންމެވުމާ އެކު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ސިވިލް ސާވިސް މުވައްޒިފުންގެ ތެރެއިން ބޭނުން މުވައްޒިފަކަށް މި މަހުގެ 31 ހަމައަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތާއި މަސައްކަތުން ވީއްލުމުގެ ޕްރޮގްރާމަށް އައި ބަދަލުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ނައިބު ފާތުމަތު ނުޒުހާ މިއަދު ވިދާޅުވީ އިނާޔަތްތަކާ އެކު ސިވިލް ސާވިސްގެ ވަޒީފާ އިން މުވައްޒިފުން ވަކި ކުރުމުގެ ޕްރޮގްރާމަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 16 މިލިއަން ޑޮލަރު ދީގެން ހިންގާ ޕްރޮގްރާމަކަށް ވުމުން އެ ޕްރޮގްރާމުން މިފަހަރު ފުރުސަތު ދެވޭނީ 1350 މުވައްޒިފަކަށް ކަމަށެވެ.
"ސަރުކާރުގެ މަސްއޫލިއްޔަތާއި މަސައްކަތުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 1068 ފަރާތުން އެބައޮތް ހުށަހަޅާފައި. އަދި މިއަދު އެކަނި ވެސް އެބައުޅޭ 160 އެޕްލިކޭޝަން މި ކޮޅަށް ލިބިފައި. އެހެންވީމާ 31 އޮތަސް އަޅުގަނޑުމެން ޖެހިދާނެ އޭގެ ކުރިން ހުއްޓާލަން ފޯމް ބަލައިގަތުން. އެއީ އަޅުގަނޑުމެންނަށް މި ފަހަރު ފުރުސަތު ދެވޭނީ 16 މިލިއަން ޑޮލަރާއި އެއްވަރަށް. އެއީ 1350 ބޭފުޅަކަށް،" ނުޒުހާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް ހަތަރު ގޮތެއް އިޚްތިޔާރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ފުރަތަމަ ގޮތަކީ، އެ ޕްރޮގްރާމްގެ ދަށުން އެއްވެސް އިނާޔަތަކާ ނުލައި ވަޒީފާ އިން ވީއްލުމެވެ. ދެވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭ ގޮތަށް ވަޒީފާ އިން ވީއްލުމެވެ. ތިން ވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭ ގޮތަށް އަދި ސަރުކާރުން ހިންގާ މެދު އަދި ކުދި ފަންތީގެ ވިޔަފާރި ލޯން ޕްރޮގްރާމްގައި ބައިވެރިވުމަށް އިސްކަން ލިބޭނެ ގޮތަށް ވަޒީފާއިން ވީއްލުމެވެ. ހަތަރުވަނަ ގޮތަކީ، ގަނޑުކޮށް ދެ ލައްކަ ރުފިޔާ ލިބޭ ގޮތަށް އަދި ސަރުކާރުން ހިންގަވާ ސްކޮލާޝިޕް ޓްރޭނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިސްކަން ލިބޭ ގޮތަށް ވަޒީފާ އިން ވީއްލުމެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިހާތަނަށް ހުށަހެޅި ހުރިހާ މުއްވައިޒިފުން ވެސް އެދިފައިވަނީ ދެ ލައްކަ ރުފިޔާ އާއި އެކު ސްކޮލަސިޕް ހޯދުމަށް ކަމަށެވެ.
"އެއްވެސް އިނާޔަތެއް ނެތި ވަޒީފާ އިން ވަކިވާން ކުރިމަތިލާފައެއް ނުވޭ،" ނުޒުހާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒިފުން މަދުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ މުވައްޒިފުން ހުށަހަޅަމުން އަންނާތީ އެބޭފުޅުންގެ މަގާމުތަކަށް ކިހިނެތްތޯ ވާނީ ސުވާލުދެންނެވުމުން ސިވިލް ސާވިސް އިން ބުނީ މުވައްޒިފަކު އެ މަގާމުން ވަކި ކުރާނީ އެ ހުރި މަގާމެއް އުވާލުމަށްފަހު ކަމަށެވެ. ނަމަވެސް ބައެއް ދާއިރާތަކުން އެ ޕްރޮގްރާމްގައި ބައިވެރިވާ މުވައްޒިފުން އެ ޕްރޮގްރާމްގައި ބައިވެރިކުރާނީ އެ ވަޒީފާއަށް އެހެން މީހަކު ހަމަޖެއްސުމަށްފަހު ކަމަށެވެ.
"މިސާލަކަށް ސުކޫލްގައި ހުންނަ ޓީޗަރަކު ގޮސްފިއްޔާ ސްކޫލް ހުއްޓިދާނެ ދެއްތޯ؟ އެހެން ވީމަ އަޅުގަނޑުމެން އެކަހަލަ ވަރަށް މަދު ދާއިރާތަކަށް މީހަކު ހަމަ ޖެއްސީމަ މި ޕްރޮގްރާމަށް މި ދޫކުރަނީ،" ނުޒުހާ ވިދާޅުވި އެވެ.