15 Jul 2016, 15:53
ޕެރިސް(ޖުލައި 15): މުޅި ފަރަންސޭސިވިލާތްވަނީ "އިސްލާމީ ޓެރަރިޒަމް" ގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް ވިދާޅުވެ ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ޓެރަރިޒަމް އާއި އިސްލާމް ދީނާ ގުޅުވައިގެން ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވައިފިއެވެ.
ފަރަންސޭސިވިލާތުގެ ދެކުނުގެ ރަށެއްކަމަށްވާ ނީސްގައި ހަވާ އަރުވާތަން ބަލަންތިބި އާންމުންގެ ބައެއްގެ ގައިގަ ބާރު ސްޕީޑެއްގައި ދިޔަ ލޮރީއަކުން ޖައްސައި 84 މީހުން މަރާލައި ހަތްދިހައަށްވުރެ ގިނަމީހުންޒަޚަމްކޮށްލި ޙާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވިނަމަވެސް ފަރަންސޭސި ރައީސް ވަނީ މި ހަމަލާއާ މުސްލިމުންނާ އަދި ޚާއްސަކޮށް އިސްލާމް ދީނާ ގުޅުވާފައެވެ.

ނީސްގެ ހަމަލާގައި މަރުވި މީހުން
ނީސްގެ ޙާދިސާގެ ފަހަތުގައިވާ ކަމަށް ފަރަންސޭސި އަމަނާބެހޭ ދާއިރާތަކުން ޝައްކުކުރަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ މައްޗަށެވެ. އައިއެސްގެ ހަނގުރާމަވެރިންނަކީ މުސްލިމުން ކަމަށް ދައުވާކުރިނަމަވެސް އިސްލާމީ ދުނިޔޭގެ ގިނަ ދަންނަބޭކަލުން ފަތުވާދެއްވާފައިވާ ގޮތުގައި އެއީ އިސްލާމް ދީނުން ބޭރުވެގަނެގެން އުޅޭ ޚަވާރިޖުންގެ ބައިގަނޑެކެވެ.
އެޖަމާއަތުގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒު ކުރަނީވެސް އިސްލާމީ ގައުމުތަކަށެވެ. ޚާއްސަކޮށް އިރާގާއި ސޫރިޔާއާއި ލީބިޔާގެ ކުށެއްނެތް މުސްލިމުންނަށެވެ. މީގެއިތުރުން ސައޫދީ އަރަބިޔާއާއި ކުވައިތުފަދަ އިސްލާމީ ގައުމުތަކުގެ މިސްކިތްތަކަކީވެސް އައިއެސްގެ ޓެރަރިސްޓުންގެ އަމާޒުތަކަށްވެފައިވެއެވެ. މީގެއިތުރުން މަދީނަތުލްމުނައްވަރާގައިވާ މާތްވެގެންވާ މަސްޖިދުއްނަބަވީގެ ހަރަމްފުޅުގެ ކައިރީގައި ގޮއްވާލި ބޮމުގެ ފަހަތުގައިވެސްވަނީ އައިއެސް ގެ ޓެރަރިސްޓުންކަމަށްވަނީ ބެލެވިފައެވެ.
ނީސްގެ ޙާދިސާ ކުރިމަތިވެފައި މިވަނީ ފަރަންސޭސިވިލާތަށް ޓެރަރިސްޓް ހަމަލާތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން އެގައުމުގެ ސަލާމަތީ ބާރުތަކަށް އެޅެންއޮތްހާ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. ނަމަވެސް ހަމަލާ އައިސްފައިވަނީ ފަރަންސޭސި މަސްއޫލުވެރިއެއްގެ ހިތަށްވެސް ނާރާފަދަ ނުރައްކާތެރި ގޮތަށެވެ.

ނީސްގެ ހަމަލާގައި ޒަޚަމްވި މީހުން
އެހެންކަމުން ޓެރަރިޒަމާ ކުރިމަތިލުމުގައި ފަރަންސޭސިވިލާތް ބަލިކަށިކަން ހާމަވުމާ ގުޅިގެން އެގައުމުގެ ލީޑަރުންނާއި ސަލާމަތީ ބާރުތައްވަނީ ވަރަށްބޮޑަށް ލަދުގަނެ އާންމު ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތް ވެފައެވެ.
މުޅި ފަރަންސޭސިވިލާތްވަނީ "އިސްލާމީ ޓެރަރިޒަމް" ގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށް ވިދާޅުވެ ފަރަންސޭސި ރައީސް ވާހަކަ ދައްކަވާފައިވާއިރު ފަރަންސޭސި ސިފައިންގެ ގެންދަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ބައެއް ގައުމުތަކަށް ހަމަލާތައް ދެމުންނެވެ.
މީގެއިތުރުން ސޫރިޔާއާއި ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ އެދެގައުމުގެ އަމަން ނަގާލުމުގައިވެސް ފަރަންސޭސިވިލާތް ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. ފަރަންސޭސިވިލާތަށާއި ޔޫރަޕްގެ އެހެން ގައުމުތަކަށް މިހާރު ކުރިމަތިވަމުންދާ ޓެރަރިސްޓް ހަމަލާތަކަކީ އިސްލާމީ ބައެއް ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެގައުމުތައް ވަދެގަތުމުގެ ނަތީޖާ ކަމަށް މުހައްލިލުން ދެކެއެވެ.
ފަރަންސޭސިވިލާތަކީ އީރާނުން ނިއުކްލިޔަރ ހަތިޔާރު ތަރައްގީ ކުރާކަމަށްބުނެ އެތަށް އަހަރެއްވަންދެން އީރާނަށްވެސް ދުއްތުރާކޮށް ހަނގުރާމައިގެ ބިރު ދައްކަމުން ގެންދިޔަ ގައުމެކެވެ.
ނަމަވެސް ޚުދު ފަރަންސޭސިވިލާތަކީ ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާ ގައުމެކެވެ. ފަރަންސޭސިވިލާތަކީ އެގައުމަށް ލިބިގެންވާ ހައްގުތައް އިސްލާމީ ގައުމުތަކަށް ދޭން ބޭނުން ނުވާގައުމެއްކަން އީރާނަށް ކުރިމަތި ކުރިފިއްތުންތަކާއި އެގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުންވެސްވަނީ ހާމަވެފައެވެ.
ނީސްގެ ޙާދިސާއާ ގުޅިގެން ފަރަންސޭސި ދާޚިލީ ވަޒީރު ބާނާޑް ކަޒްނޯވް ވިދާޅުވީ ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކަން ކުޑަވެގެންދާނެ ދުވަހެއްވެސް ނޭނގޭ ކަމަށާއި ނަމަވެސް އިރާގާއި ސޫރިޔާއަށް ފަރަންސޭސިވިލާތް ވަންނަވަނުން އެގޮތުގައި ކުރިޔަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްވެސް ވަނީ ޓެރަރިޒަމްގެ ޝިކާރައަކަށް ފަރަންސޭސިވިލާތް ވެގެން ދިޔަނަމަވެސް އިރާގާއި ސޫރިޔާއަށް އެގައުމުން ދޭ ހަމަލާތަށް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.
ފަރަންސޭސީންގެ ހަމަލާތައް އައިއެސްއަށް އަމާޒުކުރާ ކަމަށް ފަރަންސޭސި ސަރުކާރުން ބުނިނަމަވެސް އެހަމަލާތަކުގައި އިރާގާއި ސޫރިޔާގެ އާންމުންގެ އެތަށްބަޔަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ފަ
ރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް މިދިޔަ ނޮވެމްބަރު މަހުވެސް ބޮމުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވެ 130 އަށްވުރެ ގިނަމީހުން މަރާލާފައިވެއެވެ. އެޙަމަލާގެ ޒިންމާ އުފުލާފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. (ނޫސްއެޖެންސީތައް)