15 Jul 2016, 13:24
ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ވަބާތަކުން ދުރުކޮށް ހަރުދަނާ ބަޔަކަށް ހެދޭނީ ޒުވާނުންގެ ހިތްތަކުގައި ދީނީ އަގީދާ ހަރުލައްވައި، ދީނީ ރޫހު އާލާކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ބިނާވެފައި އޮތީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. ހުތުބާގައި ބުނީި ދުންފަތަކީ އިންސާނާގެ އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވާއިރު، ދުންފަތަކީ ގިނަ ގޮތްގޮތުން ގެއްލުންހުރި އެއްޗެއްކަން، ހެދިފައިވާ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އެކަމާ މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓައި، އެކަން ކުރަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުކުރު ހުތުބާގައި ބުނީ ބުރަ މަސައްކަތުން ހޯދާ ފައިސާ އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނާއި ގާތް ތިމާގެ މީހުންނަށް ހޭދަކުރުމުގެ ބަދަލުގައި އެއްވެސް ފިކުރެއް ނެތި، ދުންފަތް ފަދަ ތަކެއްޗަށް ހޭދަކުުރަކީ ފައިސާގައި "ތިމާގެ އަމިއްލަ އަތުން އަލިފާން ޖަހައި އަންދައިލުން" ފަދަ ކަމެއް ކަމަށޭވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދުންފަތަކީ ވިހައެއް ކަމަށް ގިންތިކޮށް، އޭގައި ވިހަ ކެމިކަލްތަކެއް ހިމެނޭކަން ހާމަކޮށްފައިވާ ކަން ވެސް ހުކުރު ހުތުބާގައި ފާހަގަ ކުރި އެވެ.
މީގެ އިތުރުން ދުންފަތަކީ އަމިއްލަ ނަފްސުގެ އިތުރުން އެހެން މީހުންނަށް ވެސް އޭގެ އަސަރު ކުރާ ކަމެއްކަން ހުތުބާގައި ބުނެ އެވެ. އެގޮތުން މާބަނޑު އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމުނެ އޭނާގެ އަމިއްލަ ހަށިގަނޑުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ވެސް އެކަމުގެ ގެއްލުން ހުރި ކަން ހުތުބާގައި ބުންޏެވެ. އަދި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން، އެތަނުގައި ތިބި ދުންފަތުގެ އިސްތިއުމާލު ނުުރާ މީހުންނަށް އެކަމުގެ ގެއްލުން ލިބޭ ކަމަށް ހުތުބާގައި ބުނެ އެވެ.
"އޭނާގެ އަމިއްލަ ހަށިގަނޑާއި ފުރާނައަށާއި އަނެކުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ،" ހުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނުރައްކާތެރި ވަބާތަކުން ދުރު ކުރެވޭނީ ދީނީ އަގީދާ އެމީހުންގެ ހިތްތަުގައި ހަރުލައްވައިގެން ކަމަށެވެ.
"ޒުވާނުންނާއި ޅަދަރީން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި ވަބާތަކުން ދުރުކޮށް، ހަރުދަނާ ބަޔަކަށް ހެދޭނީ އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ހަރުލައްވައި، ދީނީ ރޫހު އާލާކުރެވިގެންނެވެ. މައިންބަފައިންނާ ބެލެނިވެރިން ވެސް މި ނުރައްކާތެރި ވަބާއިން ސަލާމަތް ވެގެންނެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ހަށިގަނޑަށް ގެއްލުން ދެނެވި ނަމަވެސް، ބައެއް މީހުން ދުންފަތް ފަދަ ތަކެއްޗަށް އާދަވެފައިވާ މިންވަރުގެ ސަބަބުން އެކަންކަމުން ދުރުހެލިވުމަކީ އުނދަގޫކަމެއް ކަމަށެވެ. އެހެން ނަމަވެސް ކަމެއްގެ ގެއްލުން ހުރި މިންވަރު ބުއްދި ސަލާމަތުން ހުރި މީހަކަށް އެނގިއްޖެ ނަމަ އެކަމަކުން ދުރުހެލިވާނެ ކަމަށް ހުތުބާގައި ބުންޏެވެ.