ރާއްޖޭގެ ޓޭބަލް ޓެނިސް ކޯޗު ޖާދުﷲ ހަސަން އަށް އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ކޯޗު ޖާދުﷲ ވެފައި ވަނީ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމުގައި ބައިވެރުވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް ކޯޗަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ބުނީ، ޖާދުﷲ އަށް ލިބުނު ފުރުސަތަކީ ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެ ޕްރޮގްރާމުގެ އެހީގައި ޖޫދުﷲއަށް ރާއްޖޭގެ އެތުލީޓުންނާއި ކޯޗުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމަކީ އެމެރިކާގެ އޮލިމްޕިކް ކޮމިޓީ އާއި ޔުނިވާސިޓީ އޮފް ޑެލަވާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޖާދުﷲ އަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގައި މަސައްކަތް ކުރަމުންދާ ކޯޗެކެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.