އިނގިރޭސި ވިލާތުގެ އާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރި ބޯރިސް ޖޯންސަން އަކީ ދޮގު ހަދާ ބޭފުޅެއް ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖޮން މާކް އޭރޯ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ބޮޑުވަޒީރާގެ މަގާމާ މި ހަފްތާގައި ހަވާލުވެވަޑައިގެންނެވި ތެރީސާ މޭ އެކުލަވާލެއްވި ކެބިނެޓުގައި އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ލަންޑަނުގެ ކުރީގެ މޭޔަރު ބޯރިސް ޖޯންސަން އެވެ.

ބޯރިސްއަކީ، ވިލާތުގެ އިއްތިހާދުން ޔޫކޭ ވަކިވުމަށް ހިންގި "ބްރެކްސިޓް" ކެމްޕޭނަށް ތާއީދުކޮށް މަސައްކަތް ކުރި ބޭފުޅެކެވެ.

ޔޫރަޕް ވަން ރޭޑިއޯއާ ވާހަކަ ދައްކަވަމުން ފްރާންސްގެ ފޮރިން މިނިސްޓަރު ވިދާޅުވީ އީޔޫއާ މެދު ޔޫކޭގައި ނެގި ވޯޓުގެ ކެމްޕޭން ދުވަސްކޮޅު ބޯރިސް، އިނގިރޭސި ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި އޭނާ މިހާރު ހުންނަވާނީ އޭނާގެ ގައުމު ދިފާއު ކުރެއްވުމަށް ވަރަށް ބޮޑު ޕްރެޝަރެއްގެ ތެރޭގައި ކަމަށެވެ.

ފްރަންސްގެ ފޮރިން މިނިސްޓަރު ޖޮން މާކް އޭރޯ -- ފޮޓޯ/ އީޕީއޭ

ފޮރިން ސެކްރެޓަރީކަމަށް ބޯރިސް އައްޔަނު ކުރެވިގެން ދިއުމަކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ މީގެ ކުރިން ބޯރިސް ދައްކަވާފައިވާ ބައެއް ވާހަކަތަކަކީ ގިނަ ބަޔަކު ނަފްރަތު ކުރާ ފަދަ ވާހަކަތަކަކަށް ވުމެވެ.

"އޭނާއާ މެދު ކުޑަވެސް ކަންބޮޑުވުމެއް ނެތް. އެކަމަކު އޭނާގެ ގޮތް އެންމެންނަށް ވާނީ ފެނިފައި. އިނގިރޭސި ގިނަ ރައްޔިތުންނަށް އޭނާ ދޮގު ހެދި. އަދި މިހާރު އޭނާގެ ގައުމު ދިފާއު ކުރުމަށް މަސައްކަތް ކުރައްވާ އިރު، ޔޫރަޕުގެ ގައުމުތަކާ އޭނާއާ އޮންނާނެ ގުޅުމަށް ވެސް ވިސްނާލަން ޖެހޭ. އަޅުގަނޑުމެން އިނގިރޭސީންގެ ފަރާތުން ބޭނުން ވާނީ މަޝްވަރާތައް ކުރެވޭ، އިތުބާރު ކުރެވޭ ފެންވަރުގެ މިނިސްޓަރެއް،" ފްރާންސްގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ފްރާންސްގެ މިނިސްޓަރު ޖޮން މާކް މިހެން ވިދާޅުވި އިރު، އޭނާ މި ހަފްތާގައި ވަނީ އިނގިރޭސި ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަންއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ޖޮން މާކް ވިދާޅުވީ އިނގިރޭސި އާ ސަރުކާރާ ފްރާންސްގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަންވާނެ ކަމަށެވެ.