ރާއްޖެ އަށް އިމްޕޯޓުކުރާ މުދަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން، މަހުން މަހަށް ދަށަށް ދާކަން ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމި ދިޔަ ޖޫން މަހު، ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތަކުގެ ގޮތުގައި 183.8 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.

މި އަދަދަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ލިބުނު 165.5 މިލިޔަން ރުފިޔާއާ އަޅާ ބަލާ އިރު 11 ޕަސަންޓު އިތުރު އަދަދެއް ނަމަވެސް، މިއީ މި އަހަރުގެ ކުރީގެ މަސްމަހާ އަޅާ ބަލާ އިރު ދަށް ވުމެކެވެ.

ކަސްޓަމްސްގެ ކުރީގެ ތަފާސް ހިސާބުތަކާ އަޅާ ކިޔާލާ އިރު، މި އަހަރުގެ މާޗު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީތަކުގެ ގޮތުގައި ކަސްޓަމްސް އިން ދައުލަތަށް 222.7 މިލިޔަން ރުފިޔާ ހޯދައިދީފައިވެ އެވެ. ޖެހިގެން އައި އޭޕްރިލް މަހު އެ އަދަދު ވަނީ 5.8 ޕަސަންޓު ދަށްވެ، 209.7 މިލިޔަން ރުފިޔާގަ އެވެ. މޭ މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނީ 187.4 މިލިޔަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ލިބުނީ 183.8 މިލިޔަން ރުފިޔާ އެވެ.

ބޭރު ގައުމުތަކުން ރާއްޖެ އަށް ކުރި އިމްޕޯޓުތަކުގެ ތަފާސް ހިސާބަށް ބަލާ އިރު، މޭ މަހާ އަޅައިބަލާއިރު ޖޫން މަހު އިމްޕޯޓު ވަނީ 15 ޕަސަންޓު ދަށްވެފަ އެވެ. މޭ މަހު ރާއްޖެއަށް 3.3 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު، ޖޫން މަހު މި އަދަދުވަނީ 2.8 މިލިޔަނަށް ދަށްވެފަ އެވެ.

އަދި ޖޫން މަހު ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރި މުދަލުގެ އަގު، މޭ މަހާ އަޅާ ބަލާއިރު އެވެ. މޭ މަހު ރާއްޖެ އިން ބޭރަށް 393.5 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް ޖޫން މަހު ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކޮށްފައި ވަނީ 218.4 މިލިޔަން ރުފިޔާގެ މުދަލެވެ.