22 May 2011, 18:32
އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ވަޒީފާތަކާއި ދެންނެވުމާއި އިއުލާނުތައް ޝާއިކުރާނެ ހާއްސަ ސޮފުހާއެއް، ސަން އޮންލައިން އިން މިއަދު ތައާރަފު ކޮށްފި އެވެ.
ސަން މީޑިއާ ގްރޫޕްގެ މާކެޓިން މެނޭޖަރު މިންހާ ފާއިޒު (މިންނު) މިއަދު ވިދާޅުވީ "ސަން ނޯޓިސް ބޯޑް"ގެ ނަމުގައި އަލަށް، ނޫހުގައި ހިމެނި މި ސަފުހާތަކުގައި އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އިއުލާންތަކާއި ވަޒީފާތައް ފަސޭހައިން އާންމުންނަށް ދެނެގަނެވޭނެހެން ޝާއިއު ކުރެވޭނެ ގޮތަށް މުޅިން އާ ސޮފުހާއެއް ނޫހުގައި ހިމަނާފައިވާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އޮންލައިންގެ މުޅިން އާ ސޮފުހާތަކެއް، ބޭނުމަކީ އެކި ފަރާތްތަކުގެ ދެންނެވުންތަކާ އިއުލާނާއި ޓެންޑާ އާއި އިންޒާރުގެ ނޯޓިސްޓިސްތަކަށް އާންމުންނަށް ފަސޭހައިން ވާސިލު ކޮށްދިނުމާއެކު އަޅުގަނޑުމެންގެ އޮންލައިން ނޫހުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހުޅުވައިލުން،" މިންނު ވިދާޅުވި އެވެ.
މިންނު ވިދާޅުވީ ދިވެހި ރާއްޖޭގެ އިއުލާންތައް އޮންލައިންކޮށް އާންމު ކުރެވޭ ގޮތަށް އެކި ފަރާތްތަކުން ހިދުމަތް ދެމުން ދިޔަ ނަމަވެސް ސަން ގައި މިއަދު ގާއިމު ކުރި ނޯޓިސް ބޯޑަކީ ރާއްޖޭގެ އޮންލައިން ނޫހެއްގެ ސޮފުހާތަކުގެ ތެރޭގައި އިއުލާނާއި ދެންނެވުމާއި ވަޒީފާގެ ބައިތައް ބެހެއްޓޭ ގޮތް ހެދި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ވިދާޅުވީ ނޯޓިސް ބޯޑު މިއަދު އާންމުކޮށް ހުޅުވާލުމާއެކު ފުރަތަމަ 30 ދުވަސް ހިނގާނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެން މަޑުމަޑުން މިހިދުމަތް ތަރައްގީ ކުރަމުން ގެންދާނަން، ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ނޫހުގެ މި ސޮފުހާތަކުގެ ތެރެއަށް ސަން ކްލެސިފައިޑްވެސް އިތުރު ކުރާނަން،" މިންނު ވިދާޅުވި އެވެ.
ސަންގެ ވެބް ކޮންސަލްޓަންޓް ނަސްރުﷲ އަދުނާން (ނައްޓު) ވިދާޅުވީ ސަން ނޯޓިސް ބޯޑް ފަރުމާކޮށްފައި ވާނީ ފަސޭހަ ކަމާއެކު އިއުލާންތައް ބަލައި ހެދޭނެ ގޮތަށް، އޮޅުން ނާރާނެ ގޮތަކަށް ކަމަށެވެ.