15 Jul 2016, 00:36
އިސްލާމިކް ޔުނިވާސިޓީއަށް އާ އިމާރާތެއް މިސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހް ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއަށް އިމާރާތެއް ބޭނުންވާ ކަމަށާއި މި ސަރުކާރުން އެކަން ކޮށްދެއްވާނެ ކަމަށެވެ.
"މި ސްޓުރެޖިކް ޕްލޭންގައިވެސް އެބައޮތް ޔުނިވާސިޓީގެ އާ އިމާރާތެއް ނުވަތަ ޖާގައެއް ހޯދުމުގެ މަސައްކަތް، އަޅުގަނޑު ދައްނަވާނީ މިސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކަންކޮށްދެއްވާނޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މިސްރާބު ޖަހަނީ އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމުކުރެވިފައިހުރުމުން، އެ ޔުނިވާސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާނެ ޔުނިވާސިޓީއަކަށް ހެދުމަށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އެސްޓްރެޓަޖިކް ޕްލޭން އެކުލަވާލުމަށްފަހު އޭގަ ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުން މުހިންމު ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ކަންކަމަށް މިސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
މިރޭ އިފްތިތާހުކުރި ސްޓްރެޓީޖިކް ޕްލޭންގައި ތިން އަމާޒަކަށް ފަސް ދާއިރާއަކުން 21 ލަނޑުދަނޑިވަނީ ހިމަނާލެވިފައެވެ. ހަމައެއާއެކު އިސްލާމީ ޔުނިވާސިޓީއާ އިސްލާމިކް ފޯރަމް އޮފް އިންޓާނޭޝަނަލް ހިއުމެނިޓޭރިއަން ލޯއާ ދެމެދުވެވޭ އެއްބަސްވުމުގައިވަނީ ސޮއިކުރެވިފައެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އަމާޒަކީ 2020ވަނަ އަހަރާ ހަމައަށް ޔުނިވާސިޓީއިން 400އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން ދަސްވެނިވުމެވެ.