އުރީދީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބުން ނިކުންނާނީ އެއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް ދެކިގެން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ލީގުގެ ދެ ވަނަ ބުރު މާދަމާ ހަވީރު ފަށާއި އިރު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓާއި ވިކްޓަރީ ނުކުންނައިއިރު މާދަމާ ރޭ އޮންނާނީ މާޒިޔާ އާއި ޓީސީ ކުޅޭ މެޗެވެ. އެ މެޗަށް މާޒިޔާ ނުކުންނައިރު ގައުމީ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) އެ ޓީމާ ގުޅުމުން ޓީމުގެ ސްކޮޑު ވަނީ ވަރަށް ވަރުގަދަވެފަ އެވެ.

"މި ސީޒަނާއި ކުރިމަތިލި އިރު ވެސް މާޒިޔާ އަކީ އާދައިގެ ޓީމެއް ނޫން. ޓީސީން ނުކުންނާނީ ޓީސީގެ ގޮތުގައި ކުޅެ މާޒިޔާ ބަލިކުރަން. އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި މި ވަނީ،" 'ސަން' އަށް ދިން އިންޓަވިއު އެއްގައި ނިޒާމްބެ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު އެއްވަނާގައި 14 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު ތިން ޕޮއިންޓް މަދުން ލިބި ހަތަރު ވަނާގައި އޮތީ ޓީސީ އެވެ. މާދަމާ ރޭގެ މެޗު ކާމިޔާބުކޮށް ޓީސީ އަށް ވަނީ އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް ތަނަވަސް ވެފައެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ހަތް މެޗު ކުޅެފައިވާއިރު މާޒިޔާ ބަލިވެފައި ވަނީ ޓީސީ އަތުން އެކަނި ކަން ވެސް ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް ލީގުގެ ދެވަނަ ބުރާ ކުރިމަތިލާ އިރު މާޒިޔާގެ އަމާޒު ވަނީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މުބާރާތެއް ވެސް ކާމިޔާބް ކުރުމަށް ހިފާފައެވެ.

އެހެން ކަމުން މާދަމާ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާ އާއި ޓީސީ ކުޅެ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެން ދާނެއެވެ.