14 Jul 2016, 22:00
ގެމަނަފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެރަށުގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ޖީޕީ އޮފީސް ޗެލެންޖް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެރަށު ސިއްހީ މަރުކަޒުން ހޯދައިފިއެވެ.
ޖުމްލަ ހަތަރު ޓީމާއި އެކު މިމަހުގެ ހަތަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ހެލްތު ސެންޓަރުން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ސްޓެޕް އޮން ބަލިކޮށްގެންނެވެ.

ގެމަނަފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެރަށުގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ޖީޕީ އޮފީސް ޗެލެންޖް ވޮލީ މުބާރާތުގެ ތެރެއިން --- ފޮޓޯ: ކުޔުންތެރިއެއް
އެ މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ސައުތު އޮޕަރޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް އެވެ. ޗެމްޕިއަންކަން ހޯދި ހެލްތް ސެންޓަރަށް ދިހަ ހާސް ރުފިޔާ އާއި ރަން މެޑަލް އަދި ޓްރޮފީ ދީފައިވާއިރު ރަނަރަޕަށް ދިޔަ ސްޓެޕް އޮން އަށް ވަނީ ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމް އާއި މެޑަލް ދީފައެވެ.
ޗެމްޕިއަންކަން ހޯދި ހެލްތް ސެންޓަރާއި ސްޓެޕް އޮންގެ އިތުރުން ދެން އެ މުބާރާތުގައި ބައިވެރިވީ ގެމަނަފުށީ ސްކޫލާއި ބަޑައީ ކޮންސްޓަރަކްޝަން އެވެ. ހަމަ އެކެނި ގެމަނަފުށީގެ އޮފީސް ތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް ވަނީ ރަށުން ބޭރުގެ ދެ ކުޅުންތެރިންނަށް ބައިވެރި ވުމުގެ ފުރުސަތު ދީފައެވެ.

ގެމަނަފުށީ ޕޮލިސް ސްޓޭސަނުގެ ފަރާތުން އެރަށުގެ އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި ޖީޕީ އޮފީސް ޗެލެންޖް ވޮލީ މުބާރާތުގެ ތެރެއިން --- ފޮޓޯ: ކުޔުންތެރިއެއް
އެ މުބާރާތަކީ ގަމަނަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެ ރަށު ރައްޔިތުންނާއި ގުޅިގެން ކުށް މަދުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތެކެވެ.