14 Jul 2016, 21:16
ޕީޕީއެމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވާން ޕީޕީއެމަށް ޗިޓް ފޮނުވައިފި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު މިއަދު ސަން އަށް ވިދާޅުވެފައި ވަނީ އެބޭފުޅުން އެ މައްސަލަ އަނބުރާ ގެނެސްފައިވާކަމަށާއި އެގޮތަށް ނިންމީ ޕީޕީއެމްގެ ކޮމެޓީތައް ހުއްޓުވާފައި އޮތްއޮތުން އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނބުރާ ގެންދަވާފައިވާތީ ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ވަނީ އާދީއްތަ ދުވަހުގެ 1:30 އަށް އެ ކޯޓަށް ހާޒިރުވާން ޕީޕީއެމްގެ އޮފީހަށް ޗިޓު ފޮނުވާފަ އެވެ.

ސިވިލް ކޯޓުން މިރޭ ޕީޕީއެމް އޮފީހަށް ފޮނުވި ޗިޓް
ޕީޕީއެމްގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ މެމްބަރު ޝާހިދު ހެއްދެވީ އިތުރުފުޅު ކަމަށާއި މައްސަލަ އަނބުރާ ގެނެސްފައިނުވާ ކަމަށެވެ.
"ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މީޑީއާ އަށް ދީފައި ވަނީ ދޮގު މައުލޫމާތު. އޭނާ ހެއްދެވީ އިތުރުފުޅު. މައްސަލަ އަނބުރާ ނުގެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ޝާހިދާއި ޝިޔާމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.