14 Jul 2016, 20:33
އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫ އަރުވަން ޕާކިސްތާނުން މަސައްކަތް ކުރާ ކަމަށް އިންޑިއާއިން ތުހުމަތުކޮށްފައިވަނިކޮށް، އެ ގައުމުގެ ޕްރައިމް މިނިސްޓަރުގެ ސްޕެޝަލް އެންވޯއި އޮން ކައުންޓާ ޓެރަރިޒަމް އެންޑް އެކްސްޓްރީމިޒަމް ސަޢީދު އާސިފް ޢިބްރާހީމް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާ ބައްދަލުކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޓެރަރިޒަމް އާއި އެކްސްޓްރީމިޒަމް ހުއްޓުވުމަށްޓަކައި ކުރެވެމުންދާ ކަންތައްތަކާއި ބެހޭ ގޮތުންނާއި، ދެ ގައުމު ގުޅިގެން އެކަންތައްތަކާ ދެކޮޅަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ސެންޓާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ" އެމްއެންޑިއެފްއިން ބުންޏެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައީސް ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި ގޮތަށް ޕާކިސްތާނުން 100 ޑޮކްޓަރުން ފޮނުވަން ނިންމާފައިވާ އިރު ޑޮކްޓަރުންނަށް 2000 އެމެރިކާ ޑޮލަރު (30،840 ރުފިޔާ)ގެ މުސާރައަކާ އެކު އެކޮމޮޑޭޝަނާއި ކެއުން ފަދަ ކަންކަން ވެސް ހަމަޖައްސައިދޭނީ ޕާކިސްތާނުގެ ސަރުކާރުންނެވެ.
އެކަމާ ގުޅިގެން އިންޑިއާގެ "ދަ ޑެއިލީ ޕަޔަނިއާ" ނޫހުގައި މިއަދު ޝާއިއު ކުރި ލިޔުމެއްގައި ބުނީ، އިންޑިއާގެ ބައެއް އޭޖެންސީތަކުން ބުނާ ގޮތުގައި ޕާކިސްތާނުން ރާއްޖެއަށް ޑޮކްޓަރުން ފޮނުވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫ އަރުވައި، އެ ގުޅުން ކުޑަ ކުރުމަށެވެ.