14 Jul 2016, 19:11
ސަރުކާރާ ދެކޮޅު ފަރާތްތައް ގުޅިގެން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން ނިންމި ޖަލްސާ މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
ކާނިވަލުގައި މިރޭ ޖަލްސާ ބާއްވަން އެމްޑީޕީއަށް ދިން ހުއްދަ ބާތިލްކޮށްފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ މިރޭ ޖަލްސާ ބާއްވާނެ ކަމަށެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ ޖަލްސާ ކެންސަލްކުރީ މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އޭނާ ވިދާޅުވީ ޖަލްސާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށާއި އަލުން ޖަލްސާ ބާއްވާނަމަ ޖަލްސާބާއްވާނީ ހައުސިން މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ.
އެމްޑީޕީ ޖަލްސާ ކެންސަލްކޮށްފައިވަނީ ފުލުހުންވެސް އެޖަލްސާ ނުބޭއްވޭނެކަން ލިޔުމުން އެޕާޓީއަށް އަންގާފައިވަނުކޮށެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގައި އެދިފައި ވަނީ މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީގެ ބައްދަލުވުމެއް ބޭއްވުމުގެ ހުއްދައަށް ކަމަށެވެ. ނަމަވެސް ބައްދަލުވުން ބާއްވަން ތައްޔާރުވަނީ އިދިކޮޅު އިއްތިހާދު ކިޔާ "ޣައިރު ޤާނޫނީ" ޖަމާއަތަކުން ކަމަށާއި އަދި އެ ޖަލްސާ އަކީ ޣައިރު ގާނޫނީ ޖަލްސާއަކަށް ވާތީ ހުއްދަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.