ވިހެއުމަށްފަހު މަރާލާ ހުޅުމާލޭ ޕާކް ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާ މަރާލާފައިވާ ކަމަށް ބެލެވެނީ އަންހެނެއްގެ ޖަންގިޔާ ކަރުގައި އޮޅައި ބާރުކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހު ތެރޭ ވިހާ މަރާލާފައި އޮއްވާ ފެނުނު ތިން ވަނަ ކުއްޖާގެ މަޢުލޫމާތު ހާމަ ކުރައްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ބަނޑަށް ނުވަ މަހުގައި ވިހެއުމަށްފަހު މަރާލާފައި އޮއްވާ މިއަދު ހެނދުނު 7:30 ހާއިރު ހުޅުމާލޭ ޕާކް ތެރެއިން ފެނުނު ފިރިހެން ކުއްޖާ މަރާލާފައިވަނީ އެ ކުއްޖާގެ ކަރުގައި އަންހެނެއްގެ ޖަންގިޔާ އޮޅާލައިގެން ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެޥޭ ކަމަށެވެ.

"ކަރުގައި އެއްޗެއް އޮޅާލުމަށްފަހު މަރާލާފައި ކަމަށް އަޅުގަނޑުމެންނަށް މި ބެލެވެނީ. ސަބަބަކީ އަންހެނަކު ލާން ގެންގުޅޭ ޖަންގިޔަލެއް އޮޅާލާފައި އޮތް އޮތުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ކަރަށް ފިތާލުމަށްފަހު ނުވަތަ ކަރުގައި އޮޅާލުމަށްފަހު މަރާލަން މަސައްކަތްކޮށްފައި އޮތް ކަމަށް،" ނަވާޒު ވިދާޅުވި އެވެ.

މަރާލުމަށްފަހު ކޮތަޅެއްގެ ތެރެއަށް ލާފައި އޮތް ކުއްޖާ މިހާރު ވަނީ ވަޅުލާފަ އެވެ.