ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް ދަރަނި 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ އިދާރާގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ބުނެފި އެވެ.

އެފްއޭއެމް އިން ކުރަމުން އަންނަ މަސަތްކަތްތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓޮމް ވިދާޅުވީ އެފްއޭއެމް އެފެދުނީއްސުރެ، ހިނގަމުން އައީ ދަރަނީގައި ކަމަށެވެ.

އެ އިދާރާގެ މިހާރުގެ ދަރަނި 15 މިލިއަން ރުފިޔާ އަށް ވުރެން ވެސް ބޮޑު ކަމަށާއި އަމާޒަކީ މި ދައުރު ނިމެންވާ އިރަށް ދަރަނި ވީހާވެސް ކުޑަކުރުން ކަމަށެވެ.

"އެފްއޭއެމްގެ ދަރަނި ކުޑަވަމުން ދިޔައީ އަލީ އާޒިމްގެ ދައުރުގައި. އޭގެ ފަހުން އިންތިހާބުވި ފަރާތްތަކުގެ ދައުރުތަކުން ފެށިގެން ދަރަނި އައީ ބޮޑު ވަމުން،" ޓޮމް ވިދާޅުވިއެވެ.

މީގެ 34 އަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެއް އުފެދިފައިވާ އިރު 2008 އާއި ހަމައަށް އެ އިދާރާ ހިނގަމުން އައީ ސީދާ ޔޫތު މިނިސްޓްރީގެ ދަށުން ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރާ ފަރާތަކުންނެވެ.

އަލީ އާޒިމްގެ ދައުރު ހަމަވެ ބޭއްވި ދެވަނަ އިންތިހާބު އިލްހާމް އަހުމަދު ކާމިޔާބުކޮށް 2014 ވަނަ އަހަރާ ހަމައަށް ހުރީ އޭނާއެވެ. އަދި ދާދި ފަހުން ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބު ވަންދެން އެ އިދާރާ ހިނގަމުން އައީ ފީފާއިން ކަނޑައެޅި ނޯމަލައިޒޭޝަން ކޮމެޓީއަކުންނެވެ.

ޓޮމް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ދެ ދައުރުގެ އޮޑިޓް ރިޕޯޓް އޮތީ ކުރިން ނިންމާފައި ކަމަށާއި އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގެ އޮޑިޓް ރިޕޯޓް ވެސް ނިންމައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮންގްރެސް އިން ފާސްކުރާނެ ކަމަށެވެ.

"ރިޕޯޓް ތަކުން މައްސަލަތައް ވެސް ފާހަގަކުރެވުނު. މައިގަނޑުގޮތެއްގައި ހިމެނެނީ ގަސްދުގައި ކޮށްފައި ހުރި ކަންކަމަށް ވުރެ ސިސްޓަމް ފެއިލި ވެގެން ދިމާވި މައްސަލަ ހައްލުނުވެގެން ވެފައި ހުރި ކަންކަން،" ޓޮމް ވިދާޅުވި އެވެ.