14 Jul 2016, 17:02
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓެވި އިސްލާހީ އެޖެންޑާއަށް އެ ޕާޓީގެ އިންތިޚާބު ކޮމެޓީން ތާއީދުކޮށްފި އެވެ.
ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ ނައިބު ރައީސް އަހުމަދު ސުޖާއު ސޮއިކުރައްވައި ރައީސް މައުމޫނަށް މިއަދު ފޮނުވި ސިޓީގައި ވިދާޅުވީ އިސްލާހީ އެޖެންޑާއަށް އެ ކޮމެޓީން ތާއީދު ކުރާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ރައީސް މައުމޫނާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
"ވީމާ، އިންތިޚާބު ކޮމެޓީގެ މެމްބަރުން ބައްދަލުކުރެވޭނެ ގޮތަށް އެޕޮއިންޓްމެންޓެއް ހަމަޖައްސަވައިދެއްވުން އެދެމެވެ،" އިންތިޚާބު ކޮމެޓީން މައުމޫނަށް ފޮނުވި ސިޓީގައި ވެއެވެ.
އިންތިޚާބު ކޮމެޓީއަކީ މައުމޫންގެ އިސްލާހީ އެޖެންޑާއަށް ތާއީދުކުރާކަން މިހާތަނަށް ހާމަކުރި ހަމައެކަނި ކޮމެޓީ އެވެ.
އިންތިޚާބީ ކޮމެޓީން އިސްލާހީ އެޖެންޑާ އަށް ތާއީދު ކުރެއްވިޔަސް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެ އެޖެންޑާއަށް ތާއީދެއް ނުކުރެއެވެ.
ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ ޕާޓީ އިސްލާހު ކުރުމުގެ ޓައިމް ލައިންގައިވާގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަނީ ދެކަމަކާ ގުޅިގެންނެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުމެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމީ ޖަލްސާއާ މެދު ގޮތެއް ނިންމުމެވެ.
ރިޔާސީ ޕްރައިމަރީއެއް ބާއްވަން ގައުމީ ޖަލްސާއިން ފާސްކޮށްފިނަމަ ޕްރައިމަރީ ކެމްޕޭން އޮންނާނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އަދި ޕްރައިމަރީ އޮންނާނީ ފެބްރުއަރީ މަހު ކަމަށް ވެސް އެ ޓައިމްލައިންގައި ކަނޑައަޅާފައި ވެއެވެ.
ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ ތަސައްވުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމް އަކީ ޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ މައިގަނޑު އުސޫލުތަކަށް އިހްތިރާމްކުރާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި އަލުން ހެދުމެވެ.