14 Jul 2016, 16:38
ޔޫރޯ 2016 ގައި ވާދަކުރި ޖަރުމަނު ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެސުޓް އޮޒިލް ހޮވައިފިއެވެ.
އާސެނަލަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ވަނީ، ފްރާންސް ބޭއްވި މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ޖަރުމަނު ދަތުރުކުރުމަށް އެއް ލަނޑު ޖަހައިދީ އަދި ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ. ސެމީފައިނަލްގައި ޖަރުމަނު ކެޓީ، ފްރާންސް އަތުން ބަލިވުމުންނެވެ.
ޔޫރޯގައި ޖަރުމަނު ކުޅުންތެރީން ދެއްކި ކުޅުމަށް ބަލާފައި އެންމެ މޮޅު ކުޅުންތެރިޔަކު ހޮވުމަށް ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ނެގި ވޯޓުން އޮޒިލްއަށް ވަނީ 25000 އަށްވުރެ ގިނަ ސަޕޯޓަރުން (25.2 ޕަސެންޓް)ގެ ވޯޓް ލިބިފައެވެ.
އޮޒިލްއާ އެންމެ ގާތުން އެ އެވޯޑަށް ވާދަކުރި ޖެރޯމް ބޯޓެންގަށް ލިބިފައިވަނީ، 23.1 ޕަސެންޓް ވޯޓެވެ. އަދި ދެން އެންމެ ގާތުން ވާދަކުރި ޓޯނީ ކްރޫޒަށް ލިބުނީ 18.9 ޕަސެންޓެވެ.
މިފަހަރުގެ ޔޫރޯގައި ޖަރުމަނަށް ލިބުނު ދެ ޕެނަލްޓީ އޮޒިލް އަތުން ނާކާމިޔާބުވިއެވެ. އެއީ މުބާރާތުގެ ގަދަ 16ގައި 3-0 ލަނޑުން ސްލޮވާކިއާ އަތުން ޖަރުމަނު މޮޅުވި މެޗާއި، ކުއާޓާ ފައިނަލްގައި އިޓަލީ ކޮޅަށް އޮޒިލް ޖެހި ޕެނަލްޓީއެވެ. އެހެންނަމަވެސް މުބާރާތުގައި ޖަރުމަނު ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް އެޓީމުގެ ވަރުގަދަ މިޑްފީލްޑް ލައިންގައި އެންމެ ހަރަކާތްތެރިކޮށް ފެނިގެން ދިޔަ ކުޅުންތެރިއަކީ އޮޒިލްއެވެ.
އޮޒިލް ވަނީ މިފަހަރުގެ ޔޫރޯގައި އޭނާ ދިން ޖުމުލަ 420 ޕާހުގެ 91 ޕަސެންޓް ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގައި ޖަރުމަނު ކުޅުނު ހުރިހާ މެޗެއްގައި ވެސް ފުލްކޮށް ކުޅެ، އޭނާ ކުޅުނު ހަ މެޗުން ޖުމުލަ 48 ފުރުސަތު ތަނަވަސްކުރިއެވެ.
އޮޒިލް ވަނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ 2015 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އަދި މިދިޔަ ސީޒަންގައި އާސެނަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވިފައިވަނީ އޮޒިލްއެވެ.