14 Jul 2016, 16:52
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފެށުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ކުޅުނު އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މޯލްޑިވިއަނުން ސްޕޯޓްސް ކްލަބު ހޯކްސްގެ މައްޗަށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް މޯލްޑިވިއަނުން ގެންދިޔައީ 8-25، 12-25 އަދި 4-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ އައިޝަތު ޝައްފަ އެވެ.
އިއްޔެ ކުޅުނު އަންހެން ޑިވިޝަނުގެ ދެ ވަނަ މެޗުގައި އައިލެންޑް އޯޝަން ކްލަބު އަތުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ޕޮލިސް ކްލަބު ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ފުލުހުން ގެންދިޔައީ 10-25، 5-25 އަދި 7-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އެވެ.
އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ކުރިއަށްދާނެ އެވެ. އަންހެން ޑިވިޝަނުގައި މޯލްޑިވިއަން އާއި ޕޮލިސް ކްލަބާއި ސްޕޯޓްސް ކްލަބު ހޯކްސް އާއި އައިލެންޑް އޯޝަން ކްލަބުގެ އިތުރުން ދެން ހިމެނެނީ ކްލަބު ތުރީ ސްޓާ އެވެ.
ފިރިހެން ޑިވިޝަނުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެ އެވެ. އެއީ މޯލްޑިވިއަން އާއި، ކިހަވަށް ވޯރިއާސް އާއި، ދިވެހި ސިފައިންގެ ކްލަބާއި، ޕޮލިސް ކްލަބާއި، ސްޕޯޓްސް ކްލަބު ސިޓީ އަދި ސްޕޯޓްސް ކްލަބު ވިޝަން އެވެ.
އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ފިރިހެން ޑިވިޝަނުގެ ތިން މެޗެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިހަވަށް ވޯރިއާސް އާއި ސްޕޯޓްސް ކްލަބު ވިޝަން އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި މޯލްޑިވިއަން އާއި ޕޮލިސް ކްލަބު ބައްދަލުކުރާ އިރު، މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އެވެ.
ސަލްސާ އެސޯސިއޭޝަން ކަޕުގެ ކުޅުން މި މަހުގެ 10 އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.