14 Jul 2016, 16:28
އިތުރު ދައުރަކަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުހައްމަދު ޝާރިފް އައްޔަން ކޮށްފި އެވެ.
މިދިޔަ ދައުރުގައި ވެސް ސްވިމިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރީ ޝާރިފް އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލްކޮށް، ގައުމީ ރެކޯޑްތަކެއް އާކޮށްފައިވާ ރިޓަޔާޑް ފެތުންތެރިޔާ ޝާރިފް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެ އެސޯސިއޭޝަނުގެ ރައީސް މަގާމަށް އިތުރު ދައުރަކަށް އިންތިހާބުކުރި މުހައްމަދު އަބްދުއްސައްތާރެވެ.
އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތީން އެސޯސިއޭޝަނުގެ ރައީސް އައްޔަނުކުރާ ޖެނެރަލް ސެކްރެޓަރީ އަކީ އެގްޒެޓިވް ކޮމިޓީގެ މެންބަރަކަށް ލިބިފައިވާ ބާރުތަކާ އެކު، އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ދައުރަށް ސްވިމިން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
ޝާރިފް އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެހީތެރިކަމާ އެކު ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރަމުންދާ ފަރާތެކެވެ.