14 Jul 2016, 16:00
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލެބްރިޓީންގެ ލިސްޓުގެ ގަދަ ފަހެއްގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ފޯބްސް' މަޖައްލާ އިން ނެރުނު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލެބްރިޓީންގެ ލިސްޓުގައި ރޮނާލްޑޯ އޮތީ ހަތަރު ވަނައިގައެވެ.
ޕޯޗުގަލްއާއެކު ޔޫރޯ 2016 ކާމިޔާބުކުރި ރޮނާލްޑޯ އަށް މުސާރަ އާއި ސްޕޮންސަޝިޕުން 88 މިލިއަން ޑޮލަރު ލިބޭ އިރު، އޭނާއާ އެއް ވަރުގެ އާމްދަނީއެއް އެމެރިކާގެ ޓީވީ ތަރި ޑރ. ފިލް މެކްގްރޯ އަށް ވެސް ލިބެ އެވެ.
ރޮނާލްޑޯގެ ވާދަވެރިޔާ ލިއޮނެލް މެސީ އޮތީ ފޯބްސް ލިސްޓުގެ އަށް ވަނައިގައެވެ. މެސީ އަށް އާމްދަނީއެއްގެ ގޮތުގައި 81.5 މިލިއަން ޑޮލަރު ލިބެ އެވެ. މެސީގެ ފަހަތުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރު ޝަހްސިއްޔަތަކީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޯން ޖޭމްސް އެވެ. އޭނާ އަށް އާމްދަނީއެއްގެ ގޮތުގައި ލިބެނީ 77 މިލިއަން ޑޮލަރެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލެބްރިޓީންގެ ލިސްޓުގެ އެއް ވަނައިގައި 170 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޮތްއިރު، ލިސްޓުގެ ދެ ވަނައިގައި އޮތީ 110 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އެމެރިކާގެ މިއުޒިކް ބޭންޑް ވަން ޑިރެކްޝަނެވެ. އަދި ލިސްޓުގެ ތިން ވަނައިގައި އޮތީ 95 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އެމެރިކާގެ ލިޔުންތެރިޔާ ޖޭމްސް ޕީޓަސަން އެވެ.