މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުޖަނަވަރީ މަގުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީ އާ ގުޅިގެން 19 އަހަރުގެ ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ހޯދަން އިއުލާނު ކޮށްފައި ވަނީ ގ. ވަޑިނޮޅުގެ، މުހައްމަދު ޝިމާހު ރަޝީދު އާއި ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް. ސަމަން، ސަދޫއު ސާމިއު އެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންނަށް އެ މައުލޫމާތެއް ހިއްސާ ކޮށްދިނުމަށް ފުލުހުން އެދެ އެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރެވެނީ މިދިޔަ އަންގާރަ ދުވަހު ހަވީރުގެ ވަގުތެއްގައި ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމުގައި ބައިވެރިވި ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫގައި ތިއްބަ އެވެ.

އެހަމަލާގައި ޒަހަމްވީ 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބޮލާއި ބަނޑަށް ވަޅި ހަރާފައި ވާއިރު އޭނާގެ ހާލު މިހާރު ރަނގަޅެވެ.