މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިނިވަން ދުވަހުގެ ޖަލްސާ އޮންނާނީ ޖުލައި މަހުގެ 26 ވާ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރްކަޒު މައިދާނުގައި ކަމަށެވެ.

ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް މިފަހަރު ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވާގޮތަށް ވަނީ ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ އެއީ 2007 ވަނަ އަހަރަށް ފަހު އެހާ ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވައިގެން ރަސްމީ ބައްދަލުކުރެއްވުން ބާއްވަވާ ފަހަރު ކަމަށެވެ.

ރަސްމީ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާ ބޭފުޅުންނަށް ރައީސް އޮފީހުން ދައުވަތު ކާޑު ފޮނުއްވަން މިހާރު ވަނީ ފައްޓަވައިފަ އެވެ.

މި އަހަރުގެ މިނިވަން ދުވަހު ވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.