22 May 2011, 18:02
ޓޫރިސްޓް ރިސޯޓްތަކުގެ ކުލި ކަނޑައެޅުމަށް ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު، މަހަކު 883،970.5 ރުފިޔާ އަށް ކުއްޔަށްޔަށް ދޫކޮށްފައިވާ 62 އެނދުގެ ނަސަންދުރަ ޕެލަސް ހޮޓަލުގެ ކުލި މަހަކު 30393.23 ރުފިޔާ އަށް ވެއްޓިއްޖެ އެވެ.
ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ، އެ ހޮޓަލުން ދައުލަތަށް މިހާރު ލިބެނީ ކޮންމެ ތިން މަހަކަށް 5913 ޑޮލަރު އަދި އަހަރަކަށް 23652.32 ޑޮލަރު ކަމަށެވެ.
ގާނޫނަށް ގެނައި ބަދަލާ އެކު މާލޭގެ މޫނުމަތީގައި ހުރި ތާރީހީ ހޮޓަލުގެ ކުލި ދެ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔާ އެއްވަރަށް ވެއްޓުމުން ސަރުކާރުން އަޅާ ފިޔަވަޅަކީ ކޮބައިތޯ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ މިއަދު ސުވާލު ކުރުމުން ވިދާޅުވީ "ޖަވާބު ދެވޭނީ ލިއުމުން ހުށަހެޅުމުން" ކަމަށެވެ.
ނަސަންދުރަ ޕެލަސް ހޮޓާ އަށް އަހަރަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުއްޔަށް ހިފި ގެލެކްސީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު ޝަމްއޫނު މުހައްމަދު މިއަދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ގާނޫނަށް އައި ބަދަލާ އެކު ހޮޓަލުގެ ކުލި ކުޑަވިކަން އެނގިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅުއްވިކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރު ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލުން ރިސޯޓް، ހޮޓާތަކުން ބިމު ކުލި ނަގަނީ، ކޮންމެ އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރުގެ ރޭޓުންނެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގެ އޭރިޔާ އަކީ 2956.64 އަކަ މީޓަރެވެ.
ޓެރެންޑްސް ރެސްޓޯރަންޓާ އެކު ޖެނުއަރީ 2010ގައި 31 ކޮޓަރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށް ދިނީ އެނދަކަށް އަހަރަކު އެވްރެޖްކޮށް، 11095.4 ޑޮލަރުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ގޮތުގައި އަހަރަކު އެއް ލައްކަ ޑޮލަރު ސަރުކާރަށް ދައްކާ ގޮތަށެވެ.
ނަމަވެސް އިޖުތިމާއީ ޒިންމާގެ ގޮތުގައި ދައްކަން ޖެހޭ 200000 ޑޮލަރާއި ކުއްޔާއި ކުލި ނުދައްކައިގެން 65000 ޑޮލަރު ދައްކަން ޖެހޭތީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ [މީރާ] އިން ވަނީ މައްސަލަ ޝަރީއަތަށް ވައްދައިފަ އެވެ.
ޝަމްއޫން މިއަދު ވިދާޅުވީ އެ ފައިސާ ނުދެއްކި ވަނީ ޑޮލަރުން ފައިސާ ދައްކަން ޖެހޭތީ ކަމަށާއި ދިވެހި ރުފިޔާ އިން ފައިސާ ދެއްކުމުގެ ހުއްދަ އަކަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.