14 Jul 2016, 15:53
ސްކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ލިބޭގޮތަށް ތަމްރީނު ވުމަށް ދެވޭ 101 ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ތައުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނު ކުރުމުގެ އުސޫލުގެ ދަށުން ޓީޗަރުން، ޕްރިންސިޕަލުން، ސްކޫލުތަކުގެ ހެލްތު އެސިސްޓަންޓުން، ސްކޫލްގެ ކައުންސިލަރުން، ލައިބްރޭރިއަނުން، ލެބް ޓެކްނީޝަނުން އަދި ވޮކޭޝަނަލް މާޢްދާތައް ކިޔަވައިދޭ ފަރާތްތަކަށް ފުރުސަތުތަކަށް ކުރިމަތި ލެވޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ފުރުސަތުތަކަށް އެދި، ވޭތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި މެދުކެނޑުމެއް ނެތި ސަރުކާރުގެ ސްކޫލެއްގައި ޚިދުމަތް ކޮށްފައިވާ ކޮންމެ މުވައްޒަފަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތައުލީމީ ދާއިރާއަށް މުވައްޒަފުން ލިބުން ދަތި ރަށްރަަށާއި މުވައްޒަފުން ލިބުން ދަތި މަޤާމުތަކަށް ދާން އެއްބަސްވާ 69 މުވައްޒަފަކަށާއި، ސްކޫލުގެ ޚިދުމަތުގައި ތިބި، ނަމަވެސް މަގާމުގެ ޝަރުތު ހަމަނުވާ 10 މުވައްޒަފަކަށާއި، އަދި މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން ތަމްރީނުކުރާ ގޮތަށް މީގެ ކުރިން އިއުލާންކޮށްފައިވާ "މާސްޓާ އޮފް އެޑިއުކޭޝަން އިން އެޑިއުކޭޝަން އެސެސްމެންޓް" ކޯހަށް ހޮވޭ 22 ފަރާތަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯގަސްޓް އެއްވަނަ ދުވަހުގެ 13:00 ގެ ކުރިން، މި ފުރުސަތުތަކަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތުއެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.