އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ބާސެލޯނާ ފުރަތަމަ ފެނިފައި ބިރު ގަތް ކަމަށް އެ ކްލަބުގެ ބްރެޒިލް ތަރި ނޭމާ ބުނެފި އެވެ.

ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ނޭމާ މިހާރު ވެގެން ގޮސްފައި ވަނީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"އަހަރެން ބާސާ އަށް ކުޅުނު ފުރަތަމަ މެޗުގައި މެސީ އާއި ޓީމު ފެނުނު އިރު ބިރުގަތް. އަހަރެން ޗޭންޖިން ރޫމަށް ދިޔަ އިރު މެސީ، ޒަވީ، އަންދްރޭސް އިނިއެސްޓާ، ޖެރާޑް ޕީކޭ އަދި ޑެނީ އަލްވޭސް އެތަނުގައި އުޅުނު. އެއީ އަހަރެން މިސާލެއްގެ ގޮތުގައި ބަލާ ކުޅުންތެރިން،"ޓީވީ ގްލޯބޯއަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.

އޭނާ ބުނީ، ޕްލޭސްޓޭޝަން ގޭމު ކުޅެވޭހެން އޭރު ހީވި ކަމަށާއި އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެ ކްލަބަށް ހޭނުމަށް ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސްގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ވެސް ނޭމާ ބުންޏެވެ.

ނޭމާ ވަނީ ބާސާއާ އެކު ދެ ފަހަރު ސްޕެނިޝް ލަލީގާ ހޯދައި، ދެ ފަހަރު ކޮޕޭ ޑެލްރޭ ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގަކާއި، ޔޫއެފާ ސުޕާ ކަޕަކާއި ފީފާ ވޯލްޑް ކަޕަކާއި ސްޕެނިޝް ސުޕަ ކަޕެއް ކާމިޔާބުކޮށްފަ އެވެ.