14 Jul 2016, 15:05
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ފެހުންތެރިޔާ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 5652 މިރުފަތު ހަނީފް އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމާށާއި އެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހަނީފްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބެލުމަށް ފަހު ހަނީފް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅާފައި ވަނީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މަސްތުވާތެކި ޓްރެފިކް ކުރުމުގެ ކުށުގައި ހަނީފް އުމުރަށް ޖަލަށްލާން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.
އެމައްސަލާގައި ހައިކޯޓުން މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ މިރުފަތު ދިރިއުޅުނު ކޮޓަރި ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ކޯޓުން ދިން ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގެ މުއްދަތު ހަމަވިފަހުން ކަމަށް މިރުފަތުގެ ފަރާތުން ބުނި ނަމަވެސް އެކަން ހިނގާފައި ވަނީ އެހެން ނޫންކަމަށެވެ. ބަލައި ފާސްކުރުމުގެ އަމުރާ އެއްގޮތަށް އަމުރު ދެއްކުމަށް ފަހު ދީފައިވާ ގަޑީގެ ތެރޭގައި ބަލައި ފާސްކުރިކަން ފުލުހުން ދީފައިވާ ބަޔާނުން އެނގެން އޮންނަ ކަމަށް ރައޫފް ވިދާޅުވި އެވެ.
މައްސަލާގައި ހުށަހެޅު ހެކިތަކަށް ބަލާއިރު މިރުފަތު މަސްތުވާތަކެތި ޓްރެފިކް ކުރިކަން ބެލެވެން އޮންނަ ކަމަށް ރައޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަނީފް ނޫން އެހެން މީހެއްގެ ޒިންމާ ގ. ކަމަދޫގޭގައި އޭނާ ދިރުއުޅޭ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތީގައިވާކަން ހަނީފަށް ސާބިތުކޮށްދެވިފައި ނުވާތީ އެއީ އެހެން މީހެއްގެ އެއްޗެއްކަން ބެލެވޭނެތަނެއް ނެތް ކަމަށެވެ.
މިރުފަތު ހަނީފްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:08 އެހައިކަށްހާއިރު ގ. ކަމަދޫގޭގައި އޭނާ ދިރުއުޅޭ ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން އެމައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ ނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަނުމާއެކު ހަނީފް ކޮޓަރީގެ ދޮރު ލެއްޕުމުން ފުލުހުން ދޮރުހުޅުވައި ބެލިއިރު ދާސް އާއި ހަނީފް އެ ކޮޓަރިތެރޭގައި ހުރި ކަމަށެވެ.
އަދި އެވަގުތު އެދެ މީހުންގެ ހާޒިރުގައި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު އެ ކޮޓަރިތެރޭގައި ހުރި އަލަމާރީގެ ވަތްގަނޑުގެ ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން ބްލެޓު ސައިޒުގެ ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އަލަމާރީގެ ވަތްގަނޑު ތެރޭގައޮ އޮތް ލަކުޑި ފޮއްޓެއްގެ ތެރެއިން 15 ޕެކެޓާއި ޓޭޕްއޮޅާފައި އޮތް ރަބަރު ކޮޅެއް ފެނިވައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.